ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓްތަކުގެތެރެއިން، އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވިދާޅުވެއްޖެއެވެ. މި މަސައްކަތް ކުރިއަށްދަނީ ފްލެޓްތައް ދޫކުރުމަށް ކުރިން ތާވަލުކޮށްފައިވާ ތާރީޚުތަކާ އެއްގޮތަށެވެ. އެފްޑީސީން ބޭނުންވަނީ ވީހާވެސް އަވަހަކަށް މި ފްލެޓްތައް ލިބޭ ފަރާތްތަކާ ހަވާލުކުރުމަށެވެ.
އެފްޑީސީން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފްލެޓްތައް ދޫކޮށްފައިވަނީ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ އެޕާޓްމަންޓްތަކެވެ. މިހާރު އިތުރަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ އަމާން އުދަރެސް ޓަވަރު 11، 12، 15، އަދި 16 ވަނަ ޓަވަރުގެ އެޕާޓްމަންޓްތަކުގެއެވެ. އަދި 13 ވަނަ ޓަވަރު ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެފްޑީސީން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:30އިން މެންދުރު 3:30އަށް ކުރިއަށްދާކަމަށެވެ. އަދި ފްލެޓްތައް ދޫކުރުމަށް ތާވަލުކޮށްފައިވާ ތާރީހާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާނެކަމަށާއި، އަމާޒަކީ ވީހާވެސް އަވަހަކަށް މި ފްލެޓްތައް ދޫކުރުންކަމަށް ވިދާޅުވިއެވެ. މި ފްލެޓްތަކުގައި މިހާރު ވަނީ އިމާރާތުގެ ހުރިހާ މަސައްކަތްތައް ނިމިފައެވެ. ގިނަ ޓަވަރުތަކުގައި ކުރިއަށްދަނީ ޔުޓިލިޓީ ޚިދުމަތްތަކާ ގުޅޭ ޓެސްޓްތައް ކުރުމުގެ މަސައްކަތްތަކެވެ.
ޓަވަރުތައް ހަވާލުކުރުމަށް ލަފާކޮށްފައިވާ ތާރީޚުތަކުގެ ތެރޭގައި ޑިސެންބަރު މަހުގެ ދެވަނަ ހަފްތާގައި އުދަރެސް ޓަވަރުގެ 11، 12، 13، 15، 16 ހަވާލުކުރުން ހިމެނެއެވެ. އަދި ޑިސެންބަރު މަހުގެ ފަސްވަނަ ހަފްތާގައި ދޯދި ޓަވަރުގެ 1، 2، 3، 4، 12، 13، 14 ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ފަހުން ޖަނަވަރީ މަހުގެ ތެރޭގައި ދޯދި އަދި އުދަރެސް ޓަވަރުގެ އިތުރު ބައިތައް ހަވާލުކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.
މީގެ އިތުރުން، ޤަވާޢިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޤަވާޢިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމާފައެވެ. މިއީ ފްލެޓް ލިބުނު ފަރާތްތަކަށް ލުޔެއް ދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތެކެވެ.

