ނ. މަނަދޫގައި ދައުލަތުގެ ބަޖެޓުން އަލަށް ޢިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. މި މިސްކިތަކީ އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ.
މި މިސްކިތް ހުޅުވުމަށްޓަކައި މަނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވުޒާރާގެ އިސްވެރިންނާއި، ރަށުގެ ކައުންސިލާއި، ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މިސްކިތުގެ ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
މި މަޝްރޫޢުއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ޚިދުމަތްތައް ފުޅާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ނިމިގެންދިޔަ އިތުރު މަޝްރޫޢުއެކެވެ. ވުޒާރާއިން އަންނަނީ މިފަދަ މަޝްރޫޢުތަކުގެ މަސައްކަތުގެ ދުވެލި އަވަސްކޮށް، ރައްޔިތުންނަށް ވީހާވެސް އަވަހަށް މިސްކިތްތައް ހުޅުވައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ރާއްޖޭގެ އެކި ރަށްރަށުގައި މިހާރުވެސް ޢިމާރާތްކުރަމުންދާ މިސްކިތްތަކުގެ ތެރެއިން 15 މިސްކިތެއް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ވަނީ ތައްޔާރުވެފައެވެ. މިއީ ރައްޔިތުންނަށް ޖަމާޢަތުގައި ނަމާދުކުރުމުގެ ފުރުޞަތު އިތުރުކޮށް، ދީނީ ޝަޢާއިރުތައް ދިރުވުމަށް ކުރާ ބޮޑު މަސައްކަތެކެވެ.

