އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފާއިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމާއެކު ހުށައަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގައި ލުއި ގޮތްތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައިފިއެވެ. މިގޮތަށް ހަމަޖެއްސީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. އީސީން ބުނީ، އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ދިނުމަށް ބޭނުންވާ ކަމަށެވެ.
އީސީން ކަނޑައަޅާފައިވާ ގޮތުގައި، މި ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ސާފުކުރާ ކުށާއި ދަރަނީގެ ރެކޯޑު ކޮމިޝަނުން ބަލައިގަންނާނެއެވެ. ނަމަވެސް، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ކުރިން ދިން ނަމަވެސް، ރިކޯޑު ފޯމުތައް ހުށައަޅަންޖެހޭނީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމުން ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.
ކުށާއި ދަރަނީގެ ރެކޯޑު ފޯމުތަކުގެ ތަފްސީލު
ކެންޑިޑޭޓުން ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ފޯމުތަކުގެ ތަފްސީލުތައް އީސީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ހުށަހަޅަންޖެހޭ ރިކޯޑުތަކުގެ ތެރޭގައި ހިމެނެނީ:
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ރެކޯޑްސް ޕޯޓަލްއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ބޭނުމަށް، އުމުރަށް ނަގާފައިވާ ކުށާއި ދަރަނީގެ ރެކޯޑު.
- މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު.
- މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރެކޯޑު.
މި އިންތިހާބުގައި ޢަމަލުކުރާނީ، ޤާނޫނުތަކަށް ގެނައި އިސްލާހުތަކަކާ ގުޅިގެން 2000 މީހުންނަށްވުރެ ކުޑަ އާބާދީ ހިމެނޭ ރަށްރަށަށް އިންތިޚާބުކުރާނީ 3 ކައުންސިލަރުންނެވެ. އަދި 2000 މީހުންނަށްވުރެ އާބާދީ ބޮޑު ރަށެއްނަމަ 5 ކައުންސިލަރުންނެވެ. މީގެ އިތުރުން، އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއަށް ވަކި ކައުންސިލްތަކެއް ލިބިގެންދާނެކަން ވެސް އީސީން ފާހަގަކުރިއެވެ.

