ށ. މާއުނގޫދޫ ހެލްތު ސެންޓަރަށް އިތުރުކުރާ އާ އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް، މި މަޝްރޫއު ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން މިވަގުތު މަސައްކަތް ކުރެވޭ ސަރަޙައްދުގައި، ކުރިއަށް ދަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ. އެގޮތުން ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށް، ތަނބު ޖެހުމަށް ބުޑަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ. މި މަޝްރޫއަކީ 27,219,325.40 ރުފިޔާ ނުވަތަ 27 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.
1280 މީހުންގެ އާބާދީއެއް ދިރިއުޅޭ މާއުނގޫދޫގައި ހެލްތު ސެންޓަރު ތަރައްގީ ވެގެން ދިއުމާއެކު އެރަށުގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ވާނެ ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން މިހާރަށް ވުރެ ފުރިހަމަ ސިއްހީ ހިދުމަތެއް ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ. ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިމިގެންދާއިރު، އެއީ 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ހަދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މާއުނގޫދޫގައި އެމްޓީސީސީން މިވަގުތު މުހިންމު ތިން މަޝްރޫއެއް ކުރިޔަށް ގެންދެއެވެ. އެގޮތުން ހެލްތު ސެންޓަރުގެ އިތުރުން މާއުނގޫދޫ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 74 އިންސައްތަ މަސައްކަތް މިހާރު ނިންމާލާފައިވާއިރު، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 26 އިންސައްތަ މަސައްކަތް ވަނީ ނިންމާލާފައެވެ.

