މ. މުލަކު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދަނީ ހަލުވިކަމާއެކުމަސައްކަތް ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން މިވަގުތު އެންމެ ބާރަށް ކުރިއަށްދާ މަސައްކަތަކީ އަމީނީ މަގުގައި ދުވާރުގެ މަސައްކަތްތަކުގެ ތެރެއިން ކޯނަރ ކާރބްލައިންގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތެވެ. މިކަން އާރްޑީސީން މިރޭ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފައެވެ.
މުލަކުގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުއެވެ. މި މަޝްރޫއު ނިންމުމަށް އާރްޑީސީން މިހާރު ދަނީ ބާރުބަޔަށް މަސައްކަތް ކުރަމުންނެވެ. މި މަސައްކަތްތައް ނިންމުމަށް ދެވިފައިވާ މުއްދަތަކީ ކުރިއަށް އޮތް 4 މަސް ދުވަހެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު މ. މުލަކަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މުލަކުގެ ފިޓްނަސް ސެންޓަރާއި މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް 4 މަސް ތެރޭ ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވި ގޮތުގައި މުލަކުގެ މަގުތަކުގެ މަސައްކަތް މިހާރު ވަނީ ތާރު އެޅުމުގެ މަރުހަލާއާ ހަމައަށް ގޮސްފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އާރްޑީސީން މި މަސައްކަތް ނިންމުމަށް ތައްޔާރުވަމުންދާ ކަމަށާއި، އެ ދުވަހުން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި މަގު ހެދުމުގެ މަޝްރޫއު ނިންމާލެވޭނެ ކަމަށެވެ. މިއީ މުލަކު ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ މަގުތަކެއް ލިބިގެންދާނެ މަޝްރޫއެކެވެ.

