ކުރިޔަށް އޮތް އަހަރުގެ ޙައްޖު މޫސުމުގައި ކުރާ ޙައްޖާއި ޢުމްރާގެ އަޅުކަމުގައި ފޮޓޯ އާއި ވީޑިއޯ ނެގުން ސައޫދީ ޢަރަބިއްޔާގެ ސަރުކާރުން މަނާކޮށްފިއެވެ.
މި ނިންމުމަކީ މުޤައްދަސް މި ދެ ތަނުގައި އަޅުކަންކުރާ ފަރާތްތަކުގެ ޕްރައިވެސީ ރައްކާތެރިކުރުމަށާއި، އަޅުކަންކުރާ މީހުންނަށް ދިމާވާ އުނދަގޫތައް ކުޑަކުރުމަށްޓަކައި އެޅި ފިޔަވަޅެކެވެ.
މިގޮތުން، 2026 ވަނަ އަހަރުގެ ޙައްޖު މޫސުމަށް މައްކާގެ މަސްޖިދުލް ޙަރާމް އާއި މަދީނާގެ މަސްޖިދުލް ނަބަވީގެ ތެރޭގައި ފޮޓޯ އާއި ވީޑިއޯ ނެގުން ސައޫދީ ސަރުކާރުން މަނާކޮށްފައިވަނީ، މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. އެއީ ޙައްޖުވެރިންގެ ޕްރައިވެސީ ރައްކާތެރިކުރުމަށާއި، ފޮޓޯ އާއި ވީޑިއޯ ކުރުމުގެ ސަބަބުން ޙައްޖުވެރިންނަށް އުނދަގޫ ވާތީއެވެ. މި ދެ މިސްކިތަކީ ވެސް އަޅުކަން އަދާކުރުމަށް އެތައް މިލިއަން ބަޔަކު ޖަމާވާ ތަންތަންކަމުން، މިފަދަ ފިޔަވަޅެއް އެޅުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ސައޫދީން ދެކެއެވެ.
މަނާކުރަން ޖެހުނު ސަބަބުތައް:
ސައޫދީ ސަރުކާރުން ބުނެފައިވާ ގޮތުގައި، ޚާއްސަކޮށް ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ތެރޭގައި އެ މަންޒަރުތައް ވީޑިއޯ ކުރުމަށް ސެލެބްރިޓީން ވެސް ދާކަން ފާހަގަކުރެވެއެވެ. އަދި މުޤައްދަސް ތަންތަނުގެ ތެރޭގައި ތިބެ އެ މީހުން ފޮޓޯ އާއި ވީޑިއޯ ނަގަމުންދާއިރު، ތޮއްޖެހި، އަޅުކަމުގައި އުޅޭ ފަރާތްތަކަށް އުނދަގޫ ވާކަމުގެ އެތައް ޝަކުވާތަކެއް ލިބިފައިވެއެވެ. މިކަމުގެ ސަބަބުން އަޅުކަންކުރާ މީހުންގެ ހިތްތަކަށް އަސަރުކޮށް، އަޅުކަމުގެ ހަމަޖެހުން ގެއްލޭ ކަމަށް ސައޫދީން ވަނީ ބުނެފައެވެ.
މި ނިންމުމުގެ ސަބަބުން، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތްތަކަށް އިތުރު ހަމަޖެހުމާއި، ޕްރައިވެސީ ލިބިގެންދާނެކަމަށް ބެލެވެއެވެ. އަދި އަޅުކަންކުރާ މީހުންނަށް އެއްވެސް އުނދަގޫތަކެއް ނުލިބި، ހަމަޖެހިގެން އަޅުކަންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

