ދެ ލޯބިވެރިއެއްގެ ދެމެދުގައި ހިނގި ދެބަސްވުމެއް ޒުވާބަކަށް ބަދަލުވެ، އެ ޒުވާބުގެ ތެރެއިން މާރާމާރީއެއް ހިނގައި، އެކަކަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ފަރުވާ ދޭން ފަށައިފިއެވެ. މި ހާދިސާގައި އަނިޔާވި ދެމީހުންނަށް ވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މިއަދު ހެނދުނު 10:05 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި ހިންގި މާރާމާރީއެއް ކަމަށް ވަނީ އެނގިފައެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. މި ދެމީހުންގެ ތެރެއިން ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުންގެ މައުލޫމާތު ދެއެވެ. ދެމީހުންނަށް ވެސް އަނިޔާވެފައިވާތީ ދެމީހުންނަށް ވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

