ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފިއެވެ. މި ރިޕޯޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މި ދެ އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.
ވަގުތީ ރިޕޯޓުގައިވާ ގޮތުން، ރަށު ކައުންސިލްތަކަށް ޖުމުލަ 629 ކައުންސިލަރުން އިންތިޚާބުކުރަންޖެހޭއިރު، ރަށު ކައުންސިލްތަކުގެ ދާއިރާތަކުގެ ޖުމުލަ އަދަދަކީ 179އެވެ. އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބުކުރަންޖެހޭއިރު، ސިޓީތަކުގެ ދާއިރާތަކުގެ އަދަދަކީ 47އެވެ. ޑަބްލިޔުޑީސީއަށް ރަށްރަށުން 629 މެންބަރުންނާއި ސިޓީތަކުން 52 މެންބަރުން އިންތިޚާބުކުރަންޖެހެއެވެ.
އިންތިޚާބުކުރަންޖެހޭ ދާއިރާތަކާއި މެންބަރުންގެ ޖުމްލަ އަދަދުތަކަށް ބަލާއިރު؛ ލޯކަލް ކައުންސިލްތަކަށް އިންތިޚާބު ކުރަންޖެހޭ ދާއިރާގެ ޖުމްލަ އަދަދަކީ 226އެވެ. ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަންޖެހޭ ޖުމްލަ މެންބަރުންގެ އަދަދަކީ 681އެވެ. ޑަބްލިޔުޑީސީއަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދަކީ 681އެވެ. މި ދެ އިންތިޚާބަށް ޖުމުލަ 1362 މީހުން އިންތިޚާބުކުރަންޖެހެއެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ބޮޑު ބަދަލަކާއެކު އޮންނާނެއެވެ. ޤާނޫނުތަކަށް ގެނައި އިޞްލާޙުތަކާ ގުޅިގެން 2000 މީހުންނަށްވުރެ ކުޑަ އާބާދީ ހިމެނޭ ރަށްރަށަށް 3 ކައުންސިލަރުން އަދި 2000 މީހުންނަށްވުރެ ބޮޑު އާބާދީއެއް ނަމަ 5 ކައުންސިލަރުން އިންތިޚާބުކުރާނެއެވެ. މީގެ އިތުރުން، މި އިންތިޚާބަށްފަހު އަތޮޅު ކައުންސިލްތައް އުވިގެންދާނެއެވެ. އަދި ފުރަތަމަ ފަހަރަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއަށް ވަކި ކައުންސިލްތަކެއް ލިބިގެންދާނެއެވެ.
އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ރިޕޯޓުގައިވާ ގޮތުން، 2000 އަށްވުރެ އާބާދީ ކުޑަ 133 ރަށެއްގައި 3 ކައުންސިލަރުން (ކައުންސިލްގެ ރައީސް އަދި 1 އަންހެން ކައުންސިލަރު ހިމެނޭ ގޮތަށް) ތިބޭނެއެވެ. މި ރަށްރަށުގެ ޑަބްލިޔުޑީސީއަށް ވެސް 3 މެންބަރުން އިންތިޚާބުކުރާނެއެވެ. 5 ކައުންސިލަރުން ތިބޭނީ 46 ރަށެއްގައެވެ (ކައުންސިލްގެ ރައީސް އަދި 2 އަންހެން ކައުންސިލަރުން ހިމެނޭ ގޮތަށް). މި ރަށްރަށުގެ ޑަބްލިޔުޑީސީއަށް ވެސް 5 މެންބަރުން އިންތިޚާބުކުރާނެއެވެ. އިލެކްޝަންސް ކޮމިޝަނުން އާބާދީ ކަނޑައަޅާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަށްރަށުގައި ތިބި އާބާދީއަށް ބެލުމަށްފަހުއެވެ.
ސިޓީތަކަށް އިންތިޚާބުކުރާ ގޮތުގެ ތަފުސީލުތަކަށް ބަލާއިރު: ކުޅުދުއްފުށި ސިޓީ (އާބާދީ: 11110) އަދި ތިނަދޫ ސިޓީ (އާބާދީ: 10453) އަށް ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްގެ މޭޔަރާއި އަންހެން މެންބަރު ހިމެނޭ ގޮތުން 7 ގޮނޑި އިންތިޚާބުކުރެވޭނެއެވެ. ސިޓީ ކައުންސިލަށް އިންތިޚާބުކުރާ 6 މެންބަރުންގެ ތެރޭގައި 2 އަންހެން ކައުންސިލަރުން ހިމެނެންޖެހެއެވެ. މި ދެ ސިޓީގެ ޑަބްލިޔުޑީސީއަށް ވެސް 7 މެންބަރުން (ރައީސް އަދި 6 އިންތިޚާބީ ދާއިރާއިން 1 މެންބަރު) އިންތިޚާބުކުރަންޖެހެއެވެ.
ފުވައްމުލައް ސިޓީގެ (އާބާދީ: 13802) ކައުންސިލަށް މޭޔަރާއި އަންހެން މެންބަރު ހިމެނޭ ގޮތުން 9 ގޮނޑި އިންތިޚާބުކުރެވޭނެއެވެ. ފުވައްމުލަކަކީ އެއްފަސްކޮށް އޮތް 8 އަވަށުގެ މައްޗަށް އެކުލެވޭ ސިޓީއަކަށް ވާތީ، ކޮންމެ އަވަށަކަށް 1 ގޮނޑި ޖެހޭ ނިސްބަތުން އިންތިޚާބުކުރާނެއެވެ. ކައުންސިލަށް އިންތިޚާބުކުރާ 8 މެންބަރުންގެ ތެރޭގައި 3 އަންހެން ކައުންސިލަރުން ހިމަނަންޖެހެއެވެ. ފުވައްމުލަކު ޑަބްލިޔުޑީސީއަށް ވެސް ކައުންސިލަށް އިންތިޚާބުކުރާ އަދަދަށް (ރައީސާއި 10 މެންބަރުން) އިންތިޚާބުކުރާނެއެވެ.
އައްޑޫ ސިޓީގެ (ގުޅިފައިވާ ރަށްތަކުގެ އާބާދީ: 28،800) ކައުންސިލަށް މޭޔަރާއި އަންހެން މެންބަރު ހިމެނޭ ގޮތުން 11 ގޮނޑި (މޭޔަރާއި 10 މެންބަރުން) އިންތިޚާބުކުރެވޭނެއެވެ. ކައުންސިލަށް އިންތިޚާބުކުރާ 10 މެންބަރުންގެ ތެރޭގައި 3 އަންހެން ކައުންސިލަރުން ހިމެނެންޖެހެއެވެ. އައްޑޫ ސިޓީގެ ޑަބްލިޔުޑީސީއަށް ވެސް ކައުންސިލަށް އިންތިޚާބުކުރާ އަދަދަށް (ރައީސާއި 10 މެންބަރުން) އިންތިޚާބުކުރާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އައްޑޫގެ އިޚްތިސާސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ހުޅުދޫއާއި މީދޫ ވަނީ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
މާލެ ސިޓީގެ ޖުމްލަ އާބާދީއަކީ 838 މީހުންނެވެ (މި ޢަދަދު ފުރިހަމަ ނުވާތީ، މާލެ ސިޓީގެ ތަފްސީލު ފުރިހަމައެއް ނުވެއެވެ).

