މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނ. މަގޫދޫގައި ގާއިމުކުރާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު މި މަޝްރޫޢުގެ ޖުމްލަ %11 ނިންމައިފިއެވެ. އަދި މިހާރު ކުރިއަށް ދަނީ ކޮލަމް ރީއިންފޯސްމަންޓް އަދި ފޯމްވޯކްގެ މުހިންމު މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ ޖުލައި 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅާ ގުޅިގެންނެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަންގެ ފަރާތުން ހިންގާ ޚާއްސަ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.
350 މީހުންގެ އާބާދީއެއް ދިރިއުޅޭ މަގޫދޫގައި މި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރު ގާއިމުވުމަކީ ރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. އެމްޓީސީސީން ފާހަގަކުރާ ގޮތުގައި މި ސެންޓަރުގެ ސަބަބުން ރައްޔިތުންނަށް ފިޒިކަލް ހަރަކާތްތަކުގައި ބައިވެރިވެ، ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަށް ބޭނުންވާ ފަސޭހަތައް ލިބިގެންދާނެއެވެ.
އެމްޓީސީސީން އިތުރަށް ބުނެފައިވާ ގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. ސަރުކާރުން ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ޒުވާނުންނަށް ހާއްސަކޮށް ފިޓްނެސް ސެންޓަރުތައް އެޅުމުގެ މަޝްރޫޢުތައް ފަށަމުން، އެގޮތުން މަގޫދޫގެ މަޝްރޫޢު ވެސް ހިމެނެއެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ޒުވާނުންނަށް ފައިދާ ކުރާނެ ކަމަށް ލަފާކުރެވެއެވެ.

