މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރ. ދުވާފަރުގައި ބާއްވާ ހަރަކާތްތަކާއި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ދުވާފަރަށް ވަޑައިގެންފިއެވެ. މިނިސްޓަރު ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ ސަގާފީ ހަރަކާތްތަކާއެކު ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މިނިސްޓަރު ޝިޔާމަށް ދުވާފަރުން މަރުހަބާ ދެންނެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ދުވާފަރު ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ އިސްވެރިންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ދުވާފަރުގައި ވަރަށް ކުލަ ގަދަކޮށް ފާހަގަކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ހަރަކާތްތައް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ދުވާފަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ފޯރަމް އާއި މުޅި ރ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަސް ރޭސްއާއި ކުޑަކުދިންނަށް ހާއްސަކޮށް ބާއްވާ ކުޑަކުދިންގެ ހަވީރުއާއި މަސްކެނޑުމުގެ މުބާރާތެއް ހިމެނެއެވެ. މި ހަރަކާތްތައް ރޭވިފައިވަނީ މަސްވެރިކަމުގެ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދީ، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބައްލަވާލެއްވުމަށާއި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސަޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13 ވާ ހޮނިހިރު ދުވަހުގެ ރޭގައެވެ. މި ދަތުރުފުޅަކީ މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ދެއްވާ އިސްކަން ހާމަކޮށްދޭ ދަތުރުފުޅެކެވެ.

