ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ އަމާން އުދަރެސް ޓަވަރު 6ގައި އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރެއް (ޖީޕީ ކްލިނިކެއް) ގާއިމް ކުރަން ހުޅުމާލެ ހޮސްޕިޓަލާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، ފޭސް ދޭއްގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މާލެ ސިޓީ އޮފް ގްރޫޕް އެންޑް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މާލެ ސަރަހައްދުގެ ސިއްހީ ނިޒާމުން ދޭ ހިދުމަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ ސަރަހައްދުގައި ޖުމްލަ ހަ ޖީޕީ ކްލިނިކް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ހަތަރު ޖީޕީ ކްލިނިކާއި، ހުޅުމާލޭގައި އިތުރު ދެ ޖީޕީ ކްލިނިކް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައްޒާގް ވިދާޅުވިއެވެ.
ރައްޒާގް އިތުރަށް ވިދާޅުވީ، މިދިޔަ މަހު މާލޭގައި ފުރަތަމަ ޖީޕީ ކްލިނިކް ގާއިމްކޮށް ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި، ވަރަށް އަވަހަށް ހެންވޭރުގައި ދެވަނަ ޖީޕީ ކްލިނިކް ގާއިމްކޮށް، އާބަން ޕްރައިމަރީ ހެލްތް ކެއާ ކްލިނިކް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއްގައި އާބަން ޕްރައިމަރީ ހެލްތް ކެއާ ކްލިނިކް ގާއިމް ކުރުމުގެ މަސައްކަތް ވެސް އަވަހަށް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާރުވެސް ފޭސް ދޭއްގައި ޖީޕީ ކްލިނިކެއް ހިންގަމުން ދެއެވެ.
އާބަން ޕްރައިމަރީ ހެލްތް ކެއާ ކްލިނިކުން އިތުރު ހިދުމަތްތަކެއް ދެމުންގެންދާނެ ކަމަށް ރައްޒާގް ވިދާޅުވިއެވެ. އެގޮތުން ކުޑަކުދިންގެ ވެކްސިން ދިނުމާއި، ގްރޯތް މޮނީޓަރިންގެ މަސައްކަތްތަކާއި، ވެލްނެސް ކްލިނިކާއި، ސްމޯކް ސެސޭޝަންގެ ހިދުމަތްތަކުގެ އިތުރުން، ޖެނެރަލް ޕްރެކްޓިޝަނަލް ސާވިސް (ޖީޕީ)ގެ ކޮންސަލްޓަންޓުން ގެނެސްގެން ހިދުމަތް ފޯރުކޮށްދެމުންދާނެއެވެ. “މިކަމުގެ ފައިދާ ވަރަށް ބޮޑުވާނެ، ހޮސްޕިޓަލުތަކަށް ޖީޕީ ސާވިސް ހޯދުމަށް ދިއުމުގެ ބަދަލުގައި މި ކްލިނިކުން ހިދުމަތް ހޯދައިގެން، އަވަހަށް ހިދުމަތް ލިބިގެންދާނެ،” ރައްޒާގް ވިދާޅުވިއެވެ. އަދި އިތުރު ސްޕެޝަލިސްޓުން ނުވަތަ ސަބް ސްޕެޝަލިސްޓުންނަށް ދައްކަން ބޭނުންވާނަމަ، ޖީޕީ ކްލިނިކް މެދުވެރިކޮށް އަވަހަށް އެޕޮއިންޓްމެންޓް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

