މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތް ހާބަރަށް ހިމެނޭ ސަރަޙައްދުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ. މި މަޝްރޫޢުއަކީ ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ރޯދަ މަހުގެ ކުރިން ނިންމާލުމަށް އެމްޓީސީސީން އަމާޒު ހިފާފައިވާއިރު، މަގު ތަރައްޤީކުރަނީ 4 ލޭނަށް ދެކޮޅަށް ދުއްވޭ ގޮތަށެވެ.
މި ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށްވާ 250 މީޓަރުގެ ސަރަޙައްދެކެވެ. އެމްޓީސީސީން ވަނީ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފެށުމަށް ތައްޔާރުވެފައިވާކަން ހާމަކޮށްފައެވެ. މި ސަރަޙައްދަކީ މިހާރު އެއްކޮޅަށް ދުއްވޭ ގޮތަށް ހަދާފައިވާ ބާޒާރުމަތީގެ ބޮޑު ސަރަޙައްދެކެވެ. މަސައްކަތް ނިމޭއިރު، މާލޭގެ އެންމެ ކާރޫބާރޫ ބޮޑު ސަރަޙައްދުގެ މަގު ދެކޮޅަށް ދުއްވޭ ދެ ލޭނު ހިމެނޭ ގޮތަށް ފުޅާވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އާދީއްތަ ދުވަހުގެރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތަކަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ، މާލޭގެ ބާޒާރު ސަރަޙައްދު ވަރަށް ތޮއްޖެހިފައިވާތީ، އެ ސަރަޙައްދުގެ މަގުތައް ފުޅާކޮށް ދެކޮޅަށް ދުއްވޭ ދެ ލޭނު އޮންނަ ގޮތަށް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. “މިބަލަނީ ރޯދައިގެ ކުރިން ބާޒާރުމަތީގެ އެންމެ ބާރުބޮޑު ސަރަޙައްދު ނިންމާލަން. އެއީ އެމްޕީއެލް ސަރަޙައްދުން ފަށައިގެން އިއްޒުއްދީނު ފާލަމާ ހަމައަށް،” ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1 ގެ މަސައްކަތް ނިންމާ އިއްޔެ ހަވީރު ވަނީ އާއްމު ދަތުރުފަތުރުތަކަށް ހުޅުވާލާފައެވެ. ފުރަތަމަ ފިޔަވަހީގައި ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ތަރައްޤީކުރުން ހިމެނޭއިރު، އެ ސެގްމަންޓްގައި 140 މީޓަރުގެ ސަރަޙައްދެއް ވަނީ ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ. މިއީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފެށި މަސައްކަތެކެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވާ މުޅި މަޝްރޫޢު ނިމޭއިރު، ބޮޑުތަކުރުފާނު މަގުން ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރެވޭނެއެވެ.
މަގުހެދުމުގެ މި މަސައްކަތް ފެށުމާ ގުޅިގެން މަގު ބަންދުކުރެވޭއިރު، ޓްރެފިކަށް ބޮޑެތި ބަދަލުތައް އަންނާނެއެވެ. އަދި އެ ސަރަޙައްދުގެ ބަނދަރު ބޭނުންކުރުމުގައިވެސް ބަދަލުތައް ގެނެވޭނެއެވެ. މި ބަދަލުތަކާ ގުޅޭ ތަފްޞީލުތައް ކަމާ ގުޅުންހުރި ފަރާތްތަކުން އާއްމުކުރަމުންދާނެއެވެ.

