މިއަދުވެސް ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން، މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް (މެޓް) އިން ގިނަ ސަރަހައްދުތަކަކަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށްވާ ރާއްޖޭގެ ބޮޑު ސަރަހައްދަކަށެވެ. މެޓުން ލަފާކުރާ ގޮތުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކުރެއެވެ. މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު މެންދުރު 12:30 ގައެވެ.
މި ސަމާލާ ގުޅިގެން މެޓުން އިލްތިމާސްކުރަނީ މި ސަރަހައްދުތަކުގައި ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ. ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރުކުރާ އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ސަމާލުވުން މުހިންމެވެ.
ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޯކޮށް ވާރޭވެހިފައިވެއެވެ. އެގޮތުން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ގޮއިދޫ އަށާއި ކ. ގާފަރަށެވެ. ގޮއިދޫއަށް 117 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، ގާފަރަށް 85.7 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ. މިއީ މި ދުވަސްވަރަށް ބަލާއިރު ރެކޯޑް އަދަދެކެވެ.
މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދެމުން މެޓުން ބުނީ، ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ލަފާކުރެއެވެ. ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.

