ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަމާން އުދަރެސްގެ ބައެއް ޔުނިޓުތަކުގެ ފެން ބިލްތަކާ ގުޅިގެން ފާހަގަވާ މައްސަލަތައް ހުށަހެޅުމަށް އެެދިއްޖެ އެވެ. އެފްޑީސީން މިކަން ހާމަކުރީ، ބިލްތަކުގެ އަދަދު ބޮޑުވުމާ ގުޅިގެން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އެކުންފުންޏަށް ހުށަހެޅިފައިވާ ދަނޑިވަޅެއްގައެވެ.
އެފްޑީސީން ވިދާޅުވީ އަމާން އުދަރެސްގެ ބައެއް ޔުނިޓުތަކުގެ ފެން ބިލްތަކާ ގުޅިގެން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމުގެ އަސްލު ދެނެގަނެ، ހައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މިހާރު ކުރަމުން އަންނަ ކަމަށްވެސް އެފްޑީސީން ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވާގޮތުގައި އަމާން އުދަރެސްގެ ބައެއް އެޕާޓްމަންޓުތަކުގެ ފެން ބިލުގެ އަދަދު 7،000 ރުފިޔާއަށްވުރެ ބޮޑުކަމަށް ދައްކާފަ އެވެ. ދިރިއުޅެން ފަށާފައިވާ މީހުންނަށް ލިބުނު ފުރަތަމަ ބިލުތަކުގެ އަދަދު ބޮޑުވުމަކީ އެފަރާތްތަކުގެ ކަންބޮޑުވުން ބޮޑުވެފައިވާ ކަމެކެވެ.
އެފްޑީސީން ވިދާޅުވީ ފެން ބިލުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވޭ ފަރާތްތަކުން، އެކުންފުނީގެ ޓެނަންޓް ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މައްސަލަ ހުށަހެޅުމަށް އެދިފައިވަނީ، މައްސަލަތައް ވަކިވަކިން ބަލައި، ޙައްލު ހޯދުމަށްޓަކައެވެ.
އަމާން އުދަރެސްގެ ބައެއް ޔުނިޓުތަކުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މިދިޔަ މަހުން ފެށިގެންނެވެ. އެހެންކަމުން، މި ބިލްތަކަކީ އެޕާޓްމަންޓުތަކަށް ލިބުނު ފުރަތަމަ ބިލްތަކެވެ.

