ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލޭގެ ގަލޮޅު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ. މި ބައްދަލުވުން އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ، އަންގާރަ ދުވަހުގެ 20:30 ގައި އިމާދުއްދީން ސްކޫލްގައެވެ.
މި ބައްދަލުވުމަކީ، ރައީސް މުއިއްޒު މާލޭގެ ވަކިވަކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައި، ކަންބޮޑުވުންތައް ސީދާ އަޑުއެހުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ބޭއްވޭ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންގެ ޝަކުވާތަކާއި ސުވާލުތަކަށް ސީދާ ޖަވާބުދެއްވުމެވެ.
ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު މަރިޔަމް ރީހާން ނާޒިމް ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ހިއްސާކުރައްވައި، ގަލޮޅުގެ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ދައުވަތު އަރުވާފައެވެ. ރީހާން ވަނީ ގަލޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސްއާ ހިއްސާކުރުމުގެ މުހިންމު ފުރުސަތެއްކަމަށް މި ބައްދަލުވުން ސިފަކުރައްވާފައެވެ.
މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ މާލޭގެ ބައެއް އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން ވިލިމާލެ، މާފަންނު، މައްޗަންގޯޅި އަދި ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި ޝަކުވާތައް އަޑުއައްސަވާފައިވެއެވެ. ގަލޮޅަކީ މިފަދަ ބައްދަލުވުމެއް ބާއްވާ ފަސްވަނަ އަވަށެވެ.

