މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތައް، މި ސަރުކާރުގެ ދައުރުގެ ކުރީކޮޅު ފުއްދޭނެކަމުގެ ޔަޤީންކަން އޮތް ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ބެއްވި މަސްވެރިންގެ ގުންޒަރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ މަސްވެރިންގެ ގުންޒަރަކީ، މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައި، ސިނާޢަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ހިއްސާކުރުމަށް ބާއްވާ ފޯރަމެކެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ވަޒީރު ޝިޔާމް ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ. އަދި މަސްވެރިންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރު ހަވާލުވިއިރު މި ސިނާޢަތަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރިކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ގިނަވީވެސް ސިނާޢަތުގެ ހާލަތު އޮތް ގޮތުން ކަމަށެވެ. އެހެންނަމަވެސް، އެ ވަޢުދުތައް ފުއްދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ބައެއް ވަޢުދުތަކަކީ މާލީ ގޮތުން އިންތިޒާމުތަކެއް ގެންނަންޖެހޭ ކަންކަން ކަމަށްވާތީ، ކުޑަކޮށް ދުވަސް ނަގާނެ ކަމަށް ވިދާޅުވިއެވެ.
“ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ގިނަ ވަޢުދުތައް އެބަހުރި ސިނާޢަތަށް. ވަޢުދުތަށް ގިނަވީ ސިނާޢަތުގެ ހާލަތު އޮތްގޮތުން. އެމަނިކުފާނު އެގެންދަވަނީ އެ ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރަމުން. އަޅުގަނޑުމެންނަށް އޮތް ޔަޤީންކަމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންވި ގާތްގަނޑަކަށް ހުރިހާ ވަޢުދެއްވެސް ފުއްދޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެވެމުން އެބަދޭ” ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.
މި ސިނާޢަތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސްވެރިންގެ އަޑު އަހައިގެން މަސައްކަތް ކުރުމަކީ ސަރުކާރުން އިސްކަމެއް ދޭކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެމަގުން މަސައްކަތް ކުރުމަށް، މިހާތަނަށް ގިނަ ބައްދަލުވުންތަކެއް ބޭއްވި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަޝްވަރާ ހޯދާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ލިބޭ ޚިޔާލުތަކާއި މަޝްވަރާތައް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ތަންފީޒު ކުރެވެމުންދާ ކަމަށާއި، ސިނާޢަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަށްވާތީ، އެކަންކަން ހައްލުކުރުމަށް ވަގުތު ނަގާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ދުވާފަރުގައި ކުރިއަށް ގެންދާ މަސްވެރިންގެ ގުންޒަރުގައި ރާއްޖޭގެ 9 އަތޮޅަކުން 40 މަސްވެރިން ބައިވެރިވެފައިވެއެވެ. މި ގުންޒަރުގައި މަސްވެރިންގެ ކަންބޮޑުވުންތައް ހުށަހެޅުމުގެ ފުރުސަތު ދެވިގެންދާއިރު، މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތައް މަސްވެރިންނާއި ހިއްސާކޮށް، ބޭނުންވާ މަޢުލޫމާތު ސެޝަންތަކެއް ކުރިއަށް ގެންދެވޭނެއެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންގެ އަޑުއަހައި، ސިނާޢަތް ކުރިއެރުވުމަށް މަސައްކަތްކުރުން ކަމަށް ވުޒާރާއިން ބުނެއެވެ.

