ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާ ދެކޮޅަށް އިމިގްރޭޝަނުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން، މާލޭގެ 4 މަސާޖު ޕާލާއެއް ބަލައި ފާސްކޮށް، ޤަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ މަސައްކަތުގެ ދަށުންނެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މި ހަތަރު މަސާޖު ޕާލާ ބަލައި ފާސްކުރުމުގެ ތެރެއިން ޤަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. މީގެ އިތުރުން، މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އަޅާފައެވެ.
ސަރުކާރުން ދަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.
އިމިގްރޭޝަނުން ފާހަގަކުރައްވާ ގޮތުގައި، މިފަދަ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފެންނަ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކުރުމާއި، ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރުމެވެ. މީގެ އިތުރުން، ޤަވާއިދާ ޚިލާފަށް "އޯޕަން ވިޒާ"ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދައި، އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

