ރަތް ހަނދުވަރު ރޭ – 3 ވަނަ ބައި
———————————-
ޚާއްޞަކޮށް ޗެރީ ބޮލްސަމް މާތައް ފޮޅޭ ދުވަސްވަރުގައެވެ. ބޮޑު ޖަންގަލީގެ ފެހިކަމުގެ ތެރެއިން ދޫނިސޫފާސޫފީގެ އަޑުތައް އިވެމުންދެއެވެ. އެހާ ދުރުނޫން ހިސާބެއްގައި ފެންނަން ހުރީ ބޮޑު، ބައުވެފައިވާ ނަމަވެސް ރީތި ފަރުމާތަކެއް ހުރި ގަނޑުވަރެއް ފަދަ ފަޅުކޮޓަރިއެކެވެ. އިންޓަރނެޓްގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، މިތަން ބިނާކޮށްފައިވަނީ ސަތޭކަ އަހަރަށް ވުރެ ކުރީގެ ޒަމާނެއްގައެވެ. މިތަނާ ބެހޭގޮތުން އެކި ވާހަކަތައް މީހުން ދައްކައެވެ. އެއީ ކޮންމެވެސް ނޭނގޭ ކަމެއް ހިނގާފައިވާ ކަމަށް ބުނާ، އަދާ ހަމައަށް ވެސް މީހުންގެ ތެރޭގައި މަޝްހޫރުވެފައިވާ ނާމާން ވާހަކަތަކެކެވެ. ނަމަވެސް، ދެކެވެމުން އައި އެ ބޯދާ ފުލޯކު ވާހަކަތަކުގެ އަސަރު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ފަނޑުވެފައެވެ.
ތޫބާ: "މީތާ ދޯ ތިބުނާ ތަނަކީ، "ކްރީޕީ ޕްލޭސް’؟ ސަޅި." އޭނާ ދެފަރާތަށް ނަޒަރު ހިންގާލިއެވެ.
ފަޒްލީނު: "އަހަރެން ކެމެރާ ސެޓްކޮށްލާނަން." އޭނާ ރާގެއް އަޅުވާލައި މަސައްކަތް ކުރިއަށް ގެންދިޔައެވެ. ފަޒްލީނު ކޮނޑުގައި އަޅުވާފައި ހުރި ބެކްޕެކް ނަގައި ހާވަން ފެށިއެވެ. އާރިފު ވެސް އޭނާ ގެނައި ދަބަސް ހާވައި ކުޑަ ވެޓްޓިޝޫއެއް ނަގައި މޫނުމަތި ސާފުކޮށްލައި، އިސްތަށިގަނޑު އަތުން ހަމައަކަށް އަޅުވާލައި ތައްޔާރުވިއެވެ. ފަޒްލީނު ކެމެރާ ކޮނޑުގައި އަޅުވައި ޓައިމް ސެޓްކޮށްލިއެވެ. ތޫބާ އޭނާގެ އަތްދަބަހުން މޭކަޕް ސާމާނުކޮޅެއް ނަގައި ނަލަހެދިލިއެވެ. އޭނާ ދެފަރާތަށް ބަލާލައި ފޯނަށް ފްލައިންކިސްއެއް ފޮނުވާލައި ތުއިވެލިއެވެ.
އާރިފު: "އަޗާ. ހާދަ ރީތި ކުއްޖެކޭ ދޯ މިހުރީ." އޭނާ މަޖާ ރާގެއް އަޅުވާލިއެވެ.
ތޫބާ: "ހޫމް. ދެން މާ ފޮނިވާނެކަމެއް ނެތް. ތި އުޅެނީ އަހަރެން ހައްދަން ދޯ." އޭނާ ކުޑަކޮށް ސަމާސާކޮށްލިއެވެ.
ފަޒްލީނު: "ކޮބާ ގާއިސް. އާ ޔޫ އޯލް ރެޑީތަ؟ އަހަރެން ސިގްނަލް ދިނީމަ ސްޓާޓް ކުރަން ފަށާ އޯކޭ. މިތަނާ ބެހޭ ކުޑަ މައުލޫމާތުކޮޅެއް ދީފައި ފަހުން އެތެރެއަށް ވަންނާނީ އިނގޭ."
ތޫބާ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލައި އޭނާގެ ފޯނުން ވެސް ރެކޯޑުކުރަން ފެށިއެވެ. އޭނާ ތިނަކާ ހަމައަށް ގުނައި ނިމުމާއެކު ފަޒްލީނު ބުންޏެވެ: "ސްޓާޓް." ލައިވް ރިކޯޑު ކުރަން ފެށިއެވެ. މިހާރު އިންސްޓަރނެޓް، ޓިކްޓޮކް ލައިވްތަކުން ސަޕޯޓަރުން މަންޒަރު ބަލަމުން ގެންދިޔައެވެ.
(މިތަނާ ބެހޭގޮތުން އާރިފަށް އެނގިފައިވާ ނާމާން ބިރުވެރި ވާހަކަ ކުރުގޮތަކަށް ހިއްސާކޮށްލިއެވެ.)
އާރިފު: "ކިހިނެތްތަ ހުރިހާ ކުދިންގެ ހާލު؟ މިފަހަރު ވެސް "ޕެރަނޯމަލް ހަންޓާރސް، އިން މި ބައްދަލުކޮށްލީ ހިތުން ފިލާގެން ނުދާކަހަލަ ނާމާން ހާދިސާއެއް ދިމާވެފައި ހުރި ތަނަކާ ބެހޭގޮތުން ކުޑަ ޑޮކިއުމެންޓްރީ ވީޑިއޯކޮޅެއް ތިހުރިހާ ބެލުންތެރިންނަށް ގެނެސްދޭން. އަދި މި ވީޑިއޯ ނިމުނީމާ އަހަރެމެން އަމިއްލަ ކުޑަ ޑްރާމާއެއް ގޮތަށް އެކްޝަން މޫވީ ކްލިޕެއް ތައްޔާރުކޮށްލާފައި ބެލުންތެރިންނަށް ގެނެސްދޭން ގަސްތުކުރަން. އެގޮތް ކިހިނެއްވާނީ؟" އޭނާ ހިނިތުންވިއެވެ. އޭނާގެ މި ލައިވް ރިކޯޑިންގް ފަހަތުން ފެންނަން މިހުރި ތަނަކީ ކުރީ ޒަމާނެއްގައި އުޅުނު މުއްސަންޖެއްގެ ގަނޑުވަރެވެ. ކެމެރާމޭން ވަށައިގެން އެ ސަރަހައްދު ދައްކާލިއެވެ. އެ ހިސާބުގަނޑުގައި ގަސްތައް މިލާމޯޅިވެފައި ހަނަފަސްވެފައެވެ. މިއީ ކެމެރާއިން ފެންނަ ގޮތެވެ. އެހެނަސް މިވަގުތު މިތާނގައި ތިބި ތިން މިތުރުންނަށް ލޮލަށް ފެންނަނީ މުޅިން އެހެން މަންޒަރުތަކެވެ. އެކަމެއް ވީޑިއޯ ބަލަން ތިބޭ ބަޔަކަށް ނޭނގޭނެތާ. ކެމެރާއިން އެތަނުގެ އެތެރޭގައި ހުރި ދިމާތަކަށް އަލި އަޅުވާލައި ދައްކާލިއެވެ.
އާރިފު ހިތާހިތުން ބުނެލިއެވެ: "މިތަނާ ބެހޭގޮތުން ކުޑަ ތަހުގީގެއް ހިންގާލުމަށް އަހަރެމެން މި އައީ. އަސްލު މިތަނުގެ ތަޢާރަފެއް ނުދީ މިހުރީ. ސޮރީ މައި ފޭންސް."
އާރިފު ވާހަކަ ދައްކަން ފެށިއެވެ: "އަހަރެންގެ ފަހަތުން ފެންނަން މިހުރި އިމާރާތަކީ ކުރީ ޒަމާނެއްގައި ވަރަށް ބިރުވެރި ހާދިސާއެއް ހިނގާފައިވާ ތަނެއް. އެ ހާދިސާއަށްފަހު ނާމާން ވެފައިވާ މިތަނުގެ އަޖުމަ ބަލާލުމަށް އަހަރެމެންގެ ޓީމު މި އައީ." އޭނާއަށް ހިނި އައެވެ. ލައިވްކޮށް މި ޕްރޮގްރާމް ގެންދާތީ، ގިނަ އަދަދެއްގެ ފޭނުންގެ ކޮމެންޓްތައް ލިބެމުން ދިޔައެވެ.
ތޫބާ ބުންޏެވެ: "މިރަށުގެ މީހުން ދައްކާ ވާހަކަތަކުގައި މިތަނަކީ ނާމާން ތަނެއް. ބުނެވޭ ގޮތުގައި މިތަނުގައި އުޅުނު ވިޔަފާރިވެރިއެއްގެ އަނބިމީހާ، ޗެރީ ބްލޮސަމް (Cherry Blossom) މާ ފޮޅޭ ދުވަސްވަރު މަރުވެފައި އޮއްވާ ފެނުނީ. ވަރަށް ބިރުވެރި ވާހަކައެއްދޯ." އޭނާ ކުޑަ ވަގުތުކޮޅަކަށް ފޯނަށް ބަލާލިއެވެ. އަދި އެކަކުގެ ކޮމެންޓަކަށް ނަޒަރު ހިންގާލުމަށްފަހު ހިނިގަނޑެއް ޖަހާލިއެވެ.
ތޫބާ އިތުރަށް ބުންޏެވެ: "ނޫނޭ. އަހަރެމެން ބިރެއް ނުގަނޭ. މިހެން ބާވެ، ޒަމާންވެފައި ހުންނަ ތަންތަނާ ބެހޭގޮތުން އެތައް ވާހަކައެއް ދެކެވޭނެ. ހުރިހާ ވާހަކަތަކެއް އަސްލަކަށް ނުވާނެދޯ. އެހެންވެ މިތަނުގައި އެ ބުނާ އަންހެނާގެ ގޯސްޓް (Ghost) އުޅޭތޯވެސް ބަލާލަން ޖެހޭނެއެއްނު." އޭނާ ހިނިގަނޑެއް ޖަހާލިއެވެ.
މި ވިހިވަރަކަށް މިނެޓްގެ ތެރޭގައި އެމީހުންގެ ލައިވް ސްޓްރީމަށް ސަތޭކައަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. ބެލުންތެރިންގެ ސުވާލުތައް އެއްވެސް ހުއްޓުމެއްނެތި ކުރިއަށް ދިޔައެވެ.
ތޫބާ ބުންޏެވެ: "ނޫން. އަދި ތިއެއް އޮޅުން ނުލިފާ. އެ އަންހެން ކުއްޖާ މަރާލީ ކާކުކަމެއް ނޭނގޭ." ފޭނެއްގެ ސުވާލަށް ޖަވާބު ދެމުން އޭނާ ބުމަ ތަޅުވާލިއެވެ.
އާރިފު ވާހަކަ ދައްކަން ފެށިއެވެ: "މި ވާހަކައިގައި ދެ ގޮތެއް ދެކެވޭ. އެއް ގޮތަކީ އެ އަންހެން ކުއްޖާ އޭނާގެ ލޯބި ޤުރުބާން ކުރުމަށް ވިހަ ބޮއެގެން މަރުވީކަމަށް. އަނެއް ގޮތަކީ އެކުއްޖާގެ ލޯބިވެރިޔާ ކުރިކަމެއްކަމަށް. އެހެންވީމާ އަސްލަކީ ކޮބައިބާ! ޗެރީ ބްލޮސަމް މާ ފޮޅޭ ދުވަސްވަރު އެ އަންހެން ކުއްޖާގެ ރޫޙު ފެންނާނެޔޯ." އާރިފު ވަރަށް މަޖާވިއެވެ.
ތޫބާ ބުންޏެވެ: "ކަމޯން، ސީރިއަސް ވާށޭ. މި ކްލިޕް ނަގާފަ އެތަނަށް ވަންނަން ހިނގާ. އޭރުން ދެން އިން ރޯލަށް ރެޑީވެވޭނީ."
ފަޒްލީނު ބުންޏެވެ: "އޯކޭ ބްރޯ. ފަހުން އެޑިޓްކޮށްފަ ދެން އަލަށް ރިކޯޑުކުރާ ބައެއް އެޑްކޮށްލާނީ. އޯކޭ. ލެޓްސް ގޯ އިންސައިޑް."
ހަމަހިމޭންކަމާ އެކު މަޑު ފިޔަވަޅުތަކުން ތިން މީހުންވެސް އެތެރެއަށް ވަނެވެ.
ވަށައިގެން ފެންނަން ހުރީ ވަރަށް އިހު ޒަމާނެއްގެ ފަރުމާތަކާ ބިނާއެކެވެ. ޒަމާންވުމުގެ ސަބަބުން ބައުވެފައި ހުރުމާއެކު އެތަނުގެ އެތެރެ ފެންނަން ހުރީ މަކުނުވާލާ، ހިރަފުހާ، ފީފަތްތަކުން ފުރިފައެވެ. އެ ޒަމާނަށް ބަލާއިރު ބޭނުންކޮށްފައި ހުރި އާސާރީ ސާމާނުތައް ގިނައެވެ. މައްޗަށް އަރަން ހުރި ސިޑިން ދުރަށް ފެންނަން ހުރީ ކޮޓަރިތަކެވެ. ފާރުތަކުގައި ހަރުކޮށްފައި ހުރި ތަސްވީރުތަކުން މަރުވެފައިވާ ބައެއްގެ ސޫރަސިފަ ވާން ހުއްޓެވެ. ނަމަވެސް އެއީ ކޮންބައެއްކަމެއް ދެނެހުރި މީހަކު ނެތެވެ. ދުރަށް ފެންނަން ހުރި ބޮޑު ކުރެހުމެކެވެ. ޒަމާންވުމުގެ ސަބަބުން ކުލަތައް ފަނޑުވެފައި ހުރި ތަސްވީރެކެވެ. އެ ތަސްވީރުގައި ހުރި ފުސްކަމެއްގެ ތެރެއިން ވަރަށް ރީތި އަންހެން ކުއްޖަކު އިނީ ޗެރީ ބްލޮސަމްތަކުން ޒީނަތްތެރިކޮށްފައިވާ އުނދޯޅިއެއްގައި ކުޑައެއް ހިފައިގެން ހިނިތުންވުމަކާއެކުއެވެ.
މި ތަސްވީރާ ދިމާއަށް ނަޒަރު ހުއްޓި، ތޫބާގެ ލޯ ބޮޑުވެފައި ހުރީ ކީއްވެކަމެއް ނޭނގެއެވެ. ފަޒްލީނު ސުވާލުކުރިއެވެ: "ތޫ. ކިހިނެއްވީ؟" އޭނާ ހަރަކާތް ކެނޑިފައެވެ. އޭނާގެ ފަހަތުން އައިސް އާރިފު އަތް ޖައްސާލުމާއެކު އޭނާ ތެޅިގަނެ އެނބުރި ބަލާލިއެވެ. ދެފަރާތަށްވެސް ބަލާލިއެވެ.
އެއަށްފަހު ވާހަކައެއް ނުދައްކައެވެ. އާރިފާ ދިމާއަށް ބަލަން ހުރި ތޫބާ ހިނިތުންވިއެވެ.
އާރިފު: "ކިހިނެއްވީ ތޫ؟ ބިރުގަތީ؟" އެހެން ބުނުމާއެކު ތޫބާ އެނބުރިލައި، އެތަނުގައި ހުރި ސިޑިން މައްޗަށް އަރަން ހިނގައިގަތީ ބިރު ނުގަންނަކަމަށް ބުނާ ގޮތަށެވެ. އެހެން ތިބި ދެ ފިރިހެނުންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.
ފަޒްލީނު: "ޕިސް. ކަމޯން ތޫ. އަހަރެމެން މިތަނަށް މިއައީ އަމިއްލަ ފިލްމެއް ކުޅެން. މިހާރު ސީރިއަސްވެބަލަ އިނގޭ." އޭނާ އަލުން ކެމެރާ ސެޓްކޮށްލިއެވެ.
އާރިފު: "ރޭގަނޑުވުމުގެ ކުރިން އަހަރެންމެން މިތަނުން ނިކުންނަން ވާނެ." ފަޒްލީނު ކެމެރާ ނަގައި ހުރިހާ ދިމާއަކަށް އަނބުރާލައި އަލުން ވީޑިއޯ ކުރިއެވެ.
އާރިފު: "ތޫ؟" އާރިފު ގޮވާލިއެވެ. އެއްވެސް އަޑެއް ނީވުނެވެ. ތަންކޮޅެއް އަޑު ހަރުކޮށް ތޫބާއަށް ގޮވާލިއަޑަށް، ސިޑިން ތިރިއަށް ފިޔަވަޅު އަޅަމުން އެ އަންނަނީ ޕްރިންސަސްއެއް ފަދައިން ހެއްޔެވެ؟
އާރިފު: "ވާވް، އަޗާ!" އާރިފަށް ފެނުނު މަންޒަރުން ހިންދިރުވާލެވުނެވެ. "މިހާރު ހެދުން ވެސް ބަދަލުކުރީ؟" އޭނާ ލައިގެން ހުރީ ހުދުކުލައިގެ ތުނި ފޮތީގެ ލޭސް ހެދުމެކެވެ. ޗެރީ ބޮލްސަމް މާތަކުން ފަރުމާކޮށްފައިވާ ވަރަށް ރީތި ކުޑައެއް ހިފައިގެން ތޫބާ ހެވިފައި އައިސް އާރިފާ ދިމާއަށް ހަތަރުކަޅި ހަމަކޮށްލިއެވެ.
ތޫބާ: "ހޫމް. އެ ކޮޓަރިތެރޭގައި ހުރި އަލަމާރި ތެރެއިން ފެނުނު ހެދުމެއް. ހިތަށް އެރީ މި ހެދުން ލާގެންނޭ ތި ދެމީހުންނަށް ފެންނާނީ. ރީތިތަ؟" އޭނާ ތުއި ގޮތަކަށް އިސްދަށަށް ޖަހާލިއެވެ.
އާރިފު: "އާނ. ވަރަށް ޗާލު. ހީވަނީ ހަމަ ފޮޅިފައިވާ ޗެރީ ބޮލްސަމް މަލެއްހެން." އޭނާ ސަމާސާ ރާގެއްގައި ބުނެލިއެވެ.
ތޫބާ: "އައި ލަވް ޔޫ." ރަކި ހިނިތުންވުމަކާއެކު އޭނާ އިސްދަށަށް ޖަހާލިއެވެ. މި އަޑު އިވިފައި އެވަގުތު އާރިފުގެ ތެޅިތެޅި އޮތް ހިތާ ނަފްސު ގަނޑުވިކަހަލައެވެ. ތޫބާގެ ހިތުގައި އޭނާއަށް ޓަކައި ހާއްސަ މަގާމެއް އޮތް ކަމެއް މީގެ ކުރިއަކުން އޭނާއަށް ނުދެނަހުއްޓެވެ. ތޫބާގެ އަޑުގައި އެހެންނޫނީ ފާހަގަ ނުވާކަމެއް ހުރިކަން އެނގުނީ، ރާގާއި އަޑުގައިވެސް މަޑުމޮޅި ވަރަށް މަޑުމައިތިރި ގޮތެއް ހުރުމުންނެވެ.
ވީޑިއޯ ކުރަން ހުރި ފަޒްލީނު ހިނިގަނޑެއް ޖަހާލިއެވެ. ފަޒްލީނަށް ވެސް ކޮންމެވެސް ގޮތްތަކެއް ވާންފެށިއެވެ. ތޫބާ ލައިގެން ހުރި ހެދުމުގެ ސަބަބުން ނޫނީ އޭނާއަށް ވެފައި ހުރި ބަދަލުން ކަމެއް ނުނގެއެވެ. ފަޒްލީނުގެ ހިއްސުތަކަށް ވެސް ގުޑުމެއް އަރައި ހިތް ތެޅިލިއެވެ. އަދި ގޮތަކަށް އާރިފާ ދޭތެރޭގައި ކުޑަ ނުރުހުމެއްވީ އޭނާވެސް ތޫބާއަށް ފުން ބެލުމަކުން ނަޒަރު ހުއްޓުނީމައެވެ. އާރިފުގެ މޫނުން ފެންނަން ހުރި އުފާވެރިކަމާއި ވެފައި ހުރި ގޮތުން އޭނާ އެހުރީ ތޫބާއަށް ބޭނުންވެފައި ހުރިކަން ކެމެރާ ހިފައިގެން ހުރި ފަޒްލީނަށް އެނގުންވިއެވެ.
ފަޒްލީނު: "ކަމޯން ގާއިސް، ޑޯންޓް ވެއިޓް ޓޫ ލޯންގް" މި ސީން ވަރަށް ރޮމާންޓިކު ކުރަންވާނެ. ހަމަ ބެސްޓް އިނގޭ."
ހިތާ ދެކޮޅަށް ބުނެލީ ކެމެރާގެ ލެންސް ތޫބާއާ ދިމާއަށް އަނބުރާލައި ތިރިން ފެށިގެން މައްޗަށް އޭނާގެ ސޫރަ ވީޑިއޯ ކުރަމުންނެވެ. އެއްވެސް ހުއްޓުމެއް ނެތި ކެމެރާ ކުރުން ކުރިއަށް ދިޔައެވެ. ކުއްލިއަކަށް ތޫބާ ހެވިފައި ކެމެރާއަށް ބަލާލައި ހިނިތުންވެފައި އޭނާ އަތުގައި އޮތް ކުޑަ ތަޅުވާލައި ނަލަ ގޮތަކަށް ހަރަކާތްކޮށްލައި އެނބުރިލީ އަންހެން ކުދިން ތުއި ދައްކާ ކަހަލަ ފަރި ގޮތަކަށެވެ. ހެވިފައި ހުރި ތޫބާ އައިސް ކެމެރާގައި އަތް ޖައްސާލައި އަނބުރާލީ ފާރުގައި މީގެ ކުރިން އޭނާ ބަލަން ހުރި ތަސްވީރާ ދިމާއަށެވެ. އަދި އޭނާގެ ހިމަ ދިގު އިނގިލިތަކުން ފަޒްލީނުގެ ތުނބުޅީގައި މަޑުން އަތް ޖައްސާލިއެވެ. މަންޒަރު ބަލަން ހުރި އާރިފުގެ ހިތަށް ފާޑެއްގެ ނުތަނަވަސް ގުޑުމެއް ވެއްޖެއެވެ.
= ނުނިމޭ =

