ދިވެހިރާއްޖޭގެ ޤައުމީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ރާއްޖޭގެ އެންމެހާ މަސްވެރިންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ދިވެހި މަސްވެރިންގެ ދުވަހުގެ ގޮތުގައި ކުލަގަދަކޮށް ފާހަގަކުރާ ދުވަހެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ފަސްޓްލޭޑީ ވަނީ ދިވެހި މަސްވެރިންގެ ހީވާގިކަމާއި ކެރުމާއި ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ. އަދި މި އުފާވެރި ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެންމެހާ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އެކަމަނާ ވަނީ އަރިސްކުރައްވާފައެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުގެ ގޮތުގައިވާ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ދުވަސް ފާހަގަކުރަމުންދާއިރު، މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ޚާއްޞަ ސަމާލުކަމެއް ދެއްވަމުންނެވެ.
އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސަވާފައެވެ. މީގެ އިތުރުންވެސް މަސްވެރިކަމާއި ގުޅުންހުރި ގިނަ މައްސަލަތަކަށް ހައްލު ހޯދައިދީ، ދިވެހި މަސްވެރިންގެ ދިރިއުޅުން ރަނގަޅުކުރުމަށް ސަރުކާރުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

