މިއަހަރުގެ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އުޅޭ ފަރާތްތަކަށް ހަދިޔާ ދިނުމާއި މުނިފޫހިފިލުވުމުގެ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތައް އިންތިޒާމުކޮށްފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިސްނަގައިގެންނެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 9:30 އިން 11:30 އަށެވެ.
މި ހަރަކާތުގެ ތެރެއިން އެޗްއާރުސީއެމްއިން ވަނީ ގުރައިދޫ މަރުކަޒަށް ބޭނުންތެރި އެހީތައް ފޯރުކޮށްދީފައެވެ. އެގޮތުން، މަރުކަޒަށް ބޭނުންވާ އަވަނަކާއި، ފެން ސާފު ކުރާ ދެ މެޝިން ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް މުނިފޫހިފިލުވުމަށް ކިޔޭނެ ބައެއް ފޮތްތައްވެސް ވަނީ ހަދިޔާކޮށްފައެވެ.
އެޗްއާރުސީއެމްއިން ވަނީ މަރުކަޒުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޮޑުބެރު ޝޯވއަކާއި، ޓެލެންޓް ޝޯވއެއްގެ އިތުރުން ކުރެހުމުގެ ފުރުޞަތުތައްވެސް ފަހިކޮށްދީފައިވެއެވެ. މި ހަރަކާތްތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޢާއިލާގެ ބައެއް މެންބަރުންވެސް ބައިވެރިވެފައިވެއެވެ.
ގުރައިދޫ މަރުކަޒުގައި ބޭއްވި މި ހަރަކާތުގެ އިތުރުން އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެޗްއާރުސީއެމްއިން ވިދާޅުވާ ގޮތުގައި، ގުރައިދޫގައި ބާއްވާ މި ހަވީރުގައި ސަރުކާރުގެ އިދާރާތަކާއި، މުއައްސަސާތަކުން ބައިވެރިވާނެއެވެ. އަދި މި ހަރަކާތްތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކަށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަން އެ ކޮމިޝަނުން ފާހަގަކުރައްވައެވެ.
ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ކޮންމެ އަހަރެއްގައިވެސް ފާހަގަކުރަމުން ދަނީ 10 ޑިސެންބަރުގައެވެ. މި ދުވަސް އިންސާނީ ޙައްގުތަކުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ، 1948 ވަނަ އަހަރު އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގައި ފާސްކޮށް ނެރުނު ޤަރާރަކުންނެވެ. މި އަހަރަކީ މި ދުވަސް ފާހަގަކުރާ 77 ވަނަ އަހަރެވެ.

