ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށްޓަކައި ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ “އެކްސް” އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ. މި ބިލުގެ މަގްސަދަކީ އިސްލާމީ ޝަރީޢަތާ ޚިލާފު މިފަދަ ނޭދެވޭ އަމަލުތައް މުޖުތަމަޢުން ނައްތާލުމަށް ގާނޫނީ ބާރުތައް އިތުރުކުރުމެވެ.
ޖުވާ ކުޅުމަކީ އިސްލާމް ދީނުގައި ހަރާމްކޮށްފައިވާ ކަމެއް ކަމުގައި ވިޔަސް، ރާއްޖޭގައި މަދުން ނަމަވެސް މިކަންކަން ފެންނަމުންދާކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް އޮންލައިންކޮށް ޖުވާ ކުޅޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ބެޓް ކުރާ އެކިއެކި ސައިޓްތަކަށް ވަދެ ފައިސާ ހޯދުމަކީ ދިވެހި މުޖުތަމައު ތެރޭގައި ފަހަކަށް އައިސް ވަރަށް އާންމުވެފައިވާ ކަމެކެވެ. މިކަން ފުރަތަމަ ކުޑަކުޑަކޮށް ފެށުނު ނަމަވެސް، މިހާރު ގިނަ ބަޔަކު ވަނީ މިކަމުގައި ދެވިހިފާފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، މިފަދަ ޖުވާ ކުޅޭ ސައިޓްތައް ބްލޮކް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފުލުހުން ވަނީ އެފަދަ ހަތަރުވަރަކަށް ސައިޓު ބްލޮކް ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް ހުށަހަޅާފައެވެ. އޭގެ ތެރެއިން “ކިރަބެޓް” ނަމަކަށް ކިޔާ ސައިޓެއް ވެސް އެދުވަސްވަރު ބްލޮކް ކުރެވުނެވެ.
މި ބިލު މަޖިލީހަށް ފޮނުއްވުމަކީ، އިސްލާމީ ޝަރީޢަތުގެ ހިމާޔަތް ދެމެހެއްޓުމާއި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ. މި ބިލަށް މަޖިލީހުން ރުހުން ދީފިނަމަ، ޖުވާ ކުޅޭ މީހުންނާއި ޖުވާ ކުޅޭ ތަންތަން ހިންގާ ފަރާތްތަކަށް ޖިނާއީ އަދަބު ދެވޭނެ އުސޫލުތައް ގާއިމުވެގެންދާނެއެވެ.

