ރާއްޖޭގެ ދެކުނުގެ އައްޑޫ ސިޓީގެ ސްކޫލެއްގައި މިއަދު މެންދުރު ބިދޭސީ ޓީޗަރަކާއި ދަރިވަރަކާ ދެމެދު ހިނގި ތަޅާފޮޅުމުގެ ސީރިއަސް މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 12:00 ހާއިރު ކަމަށް މައުލޫމާތު ލިބޭއިރު، އެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެ ދައުރުވަމުންނެވެ.
މައްސަލަ ފުލުހުންނަށް އެލާޓްކޮށް، ޓީޗަރު ސަސްޕެންޝަނުގައި
މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިކަމާ ގުޅިގެން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މައްސަލަ ބަލަމުންދާ ކަމަށާއި، ހާދިސާގައި ބައިވެރިވި ޓީޗަރު މިހާރު ހުރީ ސަސްޕެންޝަނުގައި ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ، “މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް އެލާޓްކޮށްފައި. އެހެން ކަމުން ފުލުހުން ވެސް އަދި އަޅުގަނޑުމެން ވެސް މި މައްސަލަ ބަލަމުންދާނީ.” އެހެންކަމުން، މިހާރު މި މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންނެވެ.
ވީޑިއޯއިން ފެންނަ މަންޒަރު
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ކްލާސްރޫމެއްގެ ތެރޭގައި ފިރިހެން ދަރިވަރަކު ބިދޭސީ ޓީޗަރުގެ ގައިގައި އެތައް ފަހަރަކު ޖަހައެވެ. ވީޑިއޯގެ ފެށުމުގައި ދަރިވަރު ބިންމައްޗަށް ވެއްޓިފައި އޮންނަ މަންޒަރާއި، ޓީޗަރު އޭނާގެ އަތުން އެއްޗެއް އަތުލަން މަސައްކަތް ކުރާ މަންޒަރު ވެސް ފެނެއެވެ. ދަރިވަރު ޖަހާ ކޮންމެ ފަހަރަކު، ޓީޗަރު މަސައްކަތް ކުރަނީ އިތުރަށް ޖެހުނަ ނުދިނުމަށްޓަކައި އޭނާ ހިފަހައްޓާށެވެ. ނަމަވެސް މިގޮތަށް ހިފަހައްޓާލުމުގެ ސަބަބުން ކުއްޖާއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވެދާނެ ކަމަށް ވެސް ބެލެވެއެވެ.
އެއް ހިސާބަކުން ދަރިވަރު ބިންމަތިން ތެދުވެ ޓީޗަރުގެ ކޮނޑުގައި ޖެހުމާއެކު، ބިދޭސީ ޓީޗަރު ވަނީ ކުއްޖާގެ ލަފުގައި ހިފައި ދުރަށް ޖައްސާލާފައެވެ. އެއަށްފަހު އަނެއްކާ ވެސް ދަރިވަރު ޓީޗަރު ގައިގައި ޖެހުމާއެކު، އޭގެ ރައްދުގައި ޓީޗަރު ވެސް ކުއްޖާ ގައިގައި ބާރަށް އަތްލައި ކޮއްޕާލާ މަންޒަރު ވީޑިއޯއިން ފެނެއެވެ. ކްލާސްރޫމް ތެރޭގައި ތިބި އެހެން ދަރިވަރުން ވެސް “ހަމަޖެހޭށޭ” ބުނެ ތަޅާފޮޅުން ހުއްޓުވުމަށް މަސައްކަތް ކުރި ނަމަވެސް، އެ ދެމެދުގެ ހަމަނުޖެހުން ކުރިއަށް ދިޔައެވެ. ވީޑިއޯ ނިމުމުގެ ކުރިން ވަރަށް ބާރަށް އަންހެނެއްގެ އަޑަކުން ކްލާހުން ނިކުތުމަށް އަންގާ އަޑު އިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، މިފަދަ ކަންތައްތަކުގައި ގާނޫނާއި ގަވައިދުގެ ތެރެއިން އެޅެންހުރި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިކަން މެދުވެރިވާން ދިމާވި ސަބަބުތަކާއި ހިނގައިދިޔަ ކަންތައްތަކުގެ ތަފްސީލް ބަލައި، ޒިންމާދާރު ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން ހާމަކުރެއެވެ.

