ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަޙްމަދު ޝަކީބް މިއަދު އައްޔަންކޮށްފި އެވެ. މި މަޤާމަށް އޭނާ އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި އިބްރާހިމް ނަސްރީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ޕޯސްޓެއްގައެވެ. ޕީސީބީ އިން ކުރި ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރގެ މަޤާމަށް ދަފްތަރު ނަންބަރު ރސ 6886 އަޙްމަދު ޝަކީބު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
ޝަކީބަކީ ދިގު މުއްދަތެއްގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 35 އަހަރާއި ހަތް މަސް ދުވަހުގެ މުއްދަތުގައި ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރައްވާފައެވެ.
މީގެ އިތުރުން، ޝަކީބް ވަނީ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. ޕީއެސްއެމްގެ އެމްޑީގެ މަޤާމަށް ޝަކީބް އައްޔަންކުރެއްވުމާއެކު، މީޑިއާ އަދި ތަޢުލީމީ ދާއިރާގެ ތަޖުރިބާ އެ މުއައްސަސާއަށް ލިބިގެންދާނެއެވެ.

