ރާއްޖޭގެ ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ދެ ދުވަހުގެ ކޮންފަރެންސަކީ ލޯކަލް ގަވަރންމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭއެމް) ގުޅިގެން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްތަކުގެ އޮޑިޓް ނިޒާމު ހަރުދަނާކޮށް، ޒަމާނީ އުސޫލުތަކަށް ބަދަލުކުރުމެވެ.
ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަޙްމަދު ވިދާޅުވީ، މި ކޮންފަރެންސްގެ ތެރެއިން އިންޓަރނަލް އޮޑިޓް ނިޒާމެއްގައި ހުންނަންޖެހޭނެ ހަރުދަނާ އުސޫލުތައް ވަރަށް ސާފުކޮށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތަކީ ރާއްޖޭގެ އޮޑިޓްކުރުމުގެ ނިޒާމު ހަރުދަނާކޮށް ޒަމާނީ ހިނގުމުގެ ނިޒާމަކަށް ބަދަލުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. އަދި މިކަމުގެ ސަބަބުން ކައުންސިލްތަކުގެ އޮޑިޓިންގ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ކައުންސިލްތަކުގައި އިންޓަރނަލް އޮޑިޓްގެ މަސައްކަތް ކުރުމަށް އެމްޕަވަރ ކުރުމަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ. “އަޅުގަނޑުމެން ކައުންސިލްތަކުގައި އިންޓަރނަލް އޮޑިޓްގެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން އަތުން އެމްޕަވަރ ކުރަން މަސައްކަތް ކުރީ. އަތޮޅު ކައުންސިލް ތެރޭގައި ރަށު ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓް ފަންކްޝަން އަދާކުރުމަށް ނަމޫނާއެއް ޤާއިމްކުރީ” އާދަމް ޝަރީފް ވިދާޅުވިއެވެ.
މި ކޮންފަރެންސްގައި ބައިވެރިވި ފަރާތްތަކުން ވަނީ މިފަދަ ކޮންފަރެންސެއް ކައުންސިލްތަކަށް އަމާޒުކޮށްގެން ބޭއްވުމަކީ މުހިންމުކަމެއް ކަމަށް ފާހަގަކޮށްފައެވެ. ބައިވެރިން ވިދާޅުވި ގޮތުގައި ފާއިތުވި ދެ ދުވަހުގެ ތެރޭގައި އޮޑިޓާއި ގުޅޭ ގޮތުން ގިނަ އަގުހުރި މައުލޫމާތުތަކެއް ލިބިގެން ގޮސްފައިވެއެވެ. “ހަޤީގަތުގައި ވަރަށް މުހިންމު މައުލޫމާތުތަކެއް ފާއިތުވި 2 ދުވަހުގެ ތެރޭގައި ލިބިގެންގޮސްފި. އޮޑިޓާއި ގުޅޭ ގޮތުން ކުރިން ނެގޭ ގިނަ އަގުހުރި މައުލޫމާތުތަކެއް ވަނީ ލިބިފައި” ބައިވެރިން ފާހަގަކުރިއެވެ.
ކޮންފަރެންސްގައި މާސްޓަރ ކްލާސްތަކާއި، ކީ ނޯޓް ސްޕީޗްތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގައި އިންޓަރނަލް އޮޑިޓެއް ރާވާނެ ގޮތްތަކާއި، އޮޑިޓްގެ މަސައްކަތް ކުރާނެ ގޮތްތައް ފަދަ ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމު ހަރުދަނާކުރުމަށް އަމާޒުކޮށްފައިވާ މައުލޫތަކަށް ވަނީ އަލިއަޅުވާލާފައެވެ. މި ކޮންފަރެންސްގައި ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މޮނިޓަރިންގ އަދި އޮޑިޓް ކުރާ ފަރާތްތައް ހިމެނޭގޮތަށް ޖުމްލަ 47 މީހުން ބައިވެރިވިއެވެ. ކޮންފަރެންސް ނިމުމާއެކު ބައިވެރިވި ފަރާތްތަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

