އއ. އުކުޅަހުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފިއެވެ. މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
މިހާރުގެ މަސައްކަތުގެ ތެރޭގައި ސެލް ބްލޮކްގެ ބިންގަނޑު ކޮނުމާއި، ކޮމްޕެކްޝަން މަސައްކަތްތަކުގެ އިތުރުން ފޫޓިންގްސް އާއި ޓައި ބީމް ޝަޓަރިންގް ރީއިންފޯސްމަންޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
އެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އުކުޅަސް ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ ތެރެއިން ގްރައުންޑް ލެވެލް މެޝިނަރީގެ މަސައްކަތްތަކާއި އަދި ޢިމާރާތުގެ ޕްލާސްޓަރިންގ މަސައްކަތްތައް ވަނީ ކޮށްފައެވެ.
ގައުމީ ފެންވަރުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ސިޔާސަތު
މި މަޝްރޫޢަކީ ރާއްޖޭގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް އަވަހަށް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން އިސްކަންދޭ ސިޔާސަތެއްގެ މުހިންމު ބައެކެވެ. ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.
އެ އަމާޒަށް ވާސިލުވުމަށްޓަކައި، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ބިނާކުރުމާއި، ކުދި ރަށްރަށުގައި ޕޮލިސް ޕޯސްޓުތައް ޤާއިމުކުރުން، އަދި ކޮންމެ ރަށެއްގައި ވެސް ޕޮލިސް ޑެސްކުތައް ކަނޑައެޅުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ހިންގަމުންނެވެ. މިގޮތަށް ވިއުގަ ފުޅާކުރުމުގެ ސަބަބުން ކޮމިއުނިޓީ ޕޮލިސިންގ ގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ލިބިގެންދާނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތުގެ ވިއުގަ ފުޅާކުރުމަކީ ރާއްޖޭގައި ކުށް ރޭޓު ތިރިކުރުމަށް ސަރުކާރުން ދެއްވާ އިސްކަމެކެވެ. އެގޮތުން، މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު މާރާމާރީތަކަށް ހައްލު ހޯދައި، ރައްޔިތުންނަށް އަމާން މާޙައުލެއް ޤާއިމުކުރުމަށް މި ސަރުކާރުން ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ. އުކުޅަސް ފުލުހުންގެ މަރުކަޒު ޤާއިމުވުމަކީ އެ ސިޔާސަތުގެ ދަށުން އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެކެވެ.

