މިދިޔަ މަހު ސްރީ ލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން ދިމާވެފައިވާ ގެއްލުންތަކާއި ގުޅިގެން އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން 135,700 ރުފިޔާ ހަދިޔާކޮށްފިއެވެ. މި ފައިސާ ހަދިޔާކޮށްފައިވަނީ ސްރީ ލަންކާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.
ކަސްޓަމްސް ސަރވިސްގެ ފަރާތުން މި ފައިސާ، ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީއާއި ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އިބްރާހިމް މަފާޒް، މަހްމޫދު ރިޔާޒްއެވެ. އަދި އެމްބަސީގެ ފަރާތުން ފައިސާއާއި ހަވާލުވީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ދައްކުވައިދޭ މި އެހީތެރިކަމަކީ، ދިވެހި ސަރުކާރުގެ އިދާރާތަކުން އަވަށްޓެރި ޤައުމުތަކަށް އެހީތެރިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
ސްރީލަންކާއަށް އެހީތެރިވުމަށްޓަކައި، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން 37 މީޑިއާއެއް ގުޅިގެން ޚާއްސަ ޓެލެތޯންއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. "ސިލޯނާއެކު ދިވެހީން" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި، ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި، ކުންފުނިތަކާއި، ކުލަބު ޖަމިއްޔާތަކާއި، އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ޓެލެތޯންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިވަން އޮޑިޓް ފާމެއް ކަމުގައިވާ ކްރޯ މޯލްޑިވްސްގެ ބެލުމުގެ ދަށުން، ދެފުށް ފެންނަ ގޮތަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށެވެ. ބީއެމްއެލްއިން ވަނީ މި ޓެލެތޯނަށް ޚާއްސަ އެކައުންޓެއްވެސް ހަމަޖައްސައިދީފައެވެ. މި ޓެލެތޯނަށް ޖުމްލަ 8 ލައްކަ ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ.
ސްރީލަންކާއަކީ، ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. ދިވެހިންނާއި ލަންކާގެ ރައްޔިތުންނަކީ ވަރަށް ގާތް ގުޅުންތަކެއް ބާއްވާ ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ. މި ދަތި އުނދަގޫ ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަކީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށްދޭނެ ކަމެއްކަން ޔަޤީނެވެ.

