މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު، އަހުމަދު އަޒްމީލް، ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ. ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ބައު އިންޖީނުގޭގައެވެ. މި ހާދިސާގައި އަޒްމީލްގެ ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ހާދިސާ ހިނގުމަށްފަހު ފުރަތަމަ އޭނާއަށް ފަރުވާދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.
އަޒްމީލްގެ ހާލު ސީރިއަސްވުމާ ގުޅިގެން، އިތުރު ފަރުވާއަށް މިމަހުގެ 1 ވަނަ ދުވަހު ވަނީ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރެވިފައެވެ. ނަމަވެސް، ދިގު މުއްދަތެއްގައި ފަރުވާ ދިނުމަށްފަހުވެސް އޭނާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތް ނުވެ ނިޔާވީއެވެ.
އަޒްމީލްއަކީ ސްޓެލްކޯއަށް 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ދިގު ތަޖުރިބާ ހުރި މުވައްޒަފެކެވެ. އޭނާގެ ނިޔާވުމަކީ ސްޓެލްކޯގެ އާއިލާއަށް ލިބުނު ބޮޑު ހިތާމައެކެވެ.

