މިދިޔަ ޑިސެމްބަރު މަހު، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ހިންގި އިމާރާތުގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ. މި އެހީއަކީ، އަލިފާނުގެ ސަބަބުން މި ވުޒާރާތަކަށް ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން ދީފައިވާ ކުއްލި އެހީއެކެވެ.
އަލިފާންގަނޑު ފުރަތަމަ ރޯވީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގައެވެ. މި ހާދިސާގައި އެ ތިން ވުޒާރާގެ މަސައްކަތަށް ބޮޑެތި ބުރޫއެރުމާ ގުޅިގެން، މިހާރު އެ ވުޒާރާތަކުގެ ކަންކަން ވަގުތީ ގޮތުން ކުރިއަށް ގެންދަނީ ދަރުބާރުގޭގައެވެ. މި ހާދިސާގެ ސަބަބުން އެތައް ވުޒާރާއެއްގެ މަސައްކަތަށް ދަތިތަކެއް ކުރިމަތިވުމާއެކު، ޗައިނާގެ ފަރާތުން ވަނީ 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ވެދީފައެވެ.
މި އެހީ ރާއްޖެއާ ހަވާލުކުރުމަށް މިއަދު މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި އިވެންޓެއްގައި، ރާއްޖޭގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ ވަޒީރު މޫސާ ޒަމީރެވެ. ޗައިނާގެ ފަރާތުން މި އެހީ ރާއްޖެއާ ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއެވެ. މި ކުއްލި އެހީގެ ޕެކޭޖްގައި ހިމެނެނީ ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރެވެ.
އެހީގެ ތަކެތި ރަސްމީކޮށް ހަވާލުކުރުމުގެ އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މޫސާ ޒަމީރު ވަނީ ޗައިނާ ސަރުކާރުން ދެއްވި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، 2.8 މިލިއަން އެމެރިކާ ޑޮލަރުގެ މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ޢަމަލީ އެހީތެރިކަމެއް ނޫން ކަމަށާއި، އެއީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.

