ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމަކީ އެފަދަ ފަރާތްތަކަށް ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮކަން ގެނެސްދޭނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޖުތިމާޢީ މަދަދުވެރިކަމުގެ ޕްރޮގުރާމްގެ ދަށުން ފޯރުކޮށްދޭ ޚާއްސަ އެހީތެރިކަމެއް ކަމަށެވެ. އެކަމަނާ ވަނީ ވަޒީފާ ލިބުމުން އެފަދަ މީހުންނަށް ލިބޭނެ މުހިންމު ފައިދާތަކުގެ ތެރެއިން ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވުން ފާހަގަކުރައްވާފައެވެ. މިއީ އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އުފާވެރިކަން އިތުރުކޮށްދޭނެ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ ވަޒީފާއެއްގައި އުޅުމުގެ ސަބަބުން އައު ރައްޓެހިން ލިބި، މާލީ ގޮތުން ފުދުންތެރިވެ، އަދި ގަޑިން ގަޑިއަށް ކަންކަން ނިންމަން ޖެހުމަކީ ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮވުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށެވެ. މީގެ އިތުރުން ކުރިން ޢާއިލާއިން ކޮށްދިން އެތައް ކަމެއް މިހާރު އަމިއްލައަށް ކުރުމުގެ މަގު ފަހިވެ، އަމިއްލަ މިނިވަންކަން އިތުރުވާނެކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ފައިދާ އެ މީހަކަށް އެކަނި ނޫންކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. “އެ މީހުންނަށް ވަޒީފާ ލިބުމުން ފައިދާ ކުރާނީކީ އެ މީހަކަށް އެކަންޏެއް ނޫން. ޤައުމަށްވެސް އަދި ޢާއިލާތަކަށްވެސް ފައިދާކުރޭ. އަދި އިޖުތިމާޢީ ގޮތުންނާއި ކުލުނާއި އިޙްސާންތެރިކަމުގެ ގޮތުން އުފާވެރިކަމުގެ ގޮތުން އަދި މާލީ ފުދުންތެރިކަމުގެ ގޮތުން ފައިދާކުރާނެ.” އެކަމަނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯއިން ވަނީ ޚާއްސަ އެހީއަށް ބޭނުންވާ 30 މީހަކަށް ވަޒީފާދީފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމަކީ އެންމެން ޝާމިލުވާ އުފާވެރި މުޖުތަމަޢެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެކެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މި ދައުރުގައި މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 350 މީހަކަށް ވަޒީފާގެ ފުރުޞަތު ވަނީ ފަހިކޮށްދެވިފައެވެ.

