ނުކުޅެދުންތެރިކަން ހުރި 30 މީހަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ، ވަޒީފާ އަދާކުރަން ބޭނުންވާ ހުރިހާ މީހުންނަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހަމަޖައްސައިދެވުނު މުހިންމު ފުރުޞަތުތަކެކެވެ.
މި 30 މުވައްޒަފުންނަށް ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑޮކްޓަރ ޢާއިޝަތު ޝިހާމް އާއި ސްޓެލްކޯގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ ޢާއިލާއާއި ޤައުމަށް އެކަމުގައި އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް ކަމަށެވެ. އެ ކަމަނާ ފާހަގަކުރެއްވި ގޮތުގައި، ވަޒީފާގެ މާހައުލަށް ނުކުތުމަކީ ޞިއްޙީ ގޮތުންނާއި، ދިރިއުޅުމުގެ އާދަތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެ ކަމެކެވެ. އަދި ވާޒީފާގެ މާހައުލުގައި އައު ރައްޓެހިން ލިބި، މީހުންގެ ތަޢުރީފާއި ހެޔޮބަސްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެގެންދާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ރަޝީދު ވިދާޅުވީ، ސްޓެލްކޯއަކީ މިފަދަ ކަންކަމުގައި އަބަދުވެސް އިސްނަގައިގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. “މިހާރުވެސް، ތަފާތު އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ 50 އަށްވުރެ ގިނަ މުވައްޒަފުން މި ކުންފުނީގައި ދަނީ މަސައްކަތް ކުރަމުން. މިއަދު މިކުންފުންޏާއި މި ގުޅޭ 30 މުވައްޒަފުންނާއެކު، ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުރި މުވައްޒަފުންގެ ޖުމްލަ ޢަދަދު 80 އަށް އަރާނެ. މިއީ ހަމަގައިމުވެސް ފާހަގަކޮށްލެވޭނެ ބޮޑު ކުރިއެރުމެއް،” ޝަމާހް ވިދާޅުވިއެވެ.
ޝަމާހް އިތުރަށް ފާހަގަކުރެއްވީ، މި ފުރުޞަތުގެ ސަބަބުން މި މުވައްޒަފުންގެ ޤާބިލުކަމާއި ހުނަރުތައް އިތުރަށް ތަރައްޤީކޮށް، ޤައުމީ ތަރައްޤީގައި ބައިވެރިވުމުގެ މަގު ފުޅާވެގެން ގޮސްފައިވާ ކަމަށެވެ. އަދި ވަޒީފާގެ މާހައުލަކީ އެ މުވައްޒަފުންގެ އަމިއްލަ އިތުބާރު އާލާކޮށް، މުޖުތަމަޢުގައި އެ މީހުންގެ ދައުރު ފުޅާކުރުމަށް ލިބިގެންދިޔަ މުހިއްމު މަންސައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯއާ އަލަށް ގުޅުނު މި 30 މުވައްޒަފުން ހޮވާލާފައިވަނީ ސްޓެލްކޯއިން ޔޫޓިލިޓީ ޚިދުމަތް ދެމުންދާ 21 ރަށެއް ހިމެނޭހެންނެވެ. މި މުވައްޒަފުން ދަނީ ޓެކްނިކަލް އަދި ނޮންޓެކްނިކަލް ދާއިރާތަކުގައި ވެސް ޚިދުމަތް ކުރަމުންނެވެ. މި އިތުރުވުމާއެކު، ސްޓެލްކޯއަކީ ނުކުޅެދުންތެރިކަން ހުރި މުވައްޒަފުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމުގައި އިސްދައުރެއް އަދާކުރާ ކުންފުންޏެއްކަން ވަނީ ހާމަވެފައެވެ.

