ބޮޑު ކަންނެލީގެ މަސްވެރިން ފާޅުކުރަމުންދާ ހުރިހާ ކަންބޮޑުވުމަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިން އިއްޔެއިން ފެށިގެން ކުރަމުންދާ އިހުތިޖާޖުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ސަރުކާރުގެ އަމާޒަކީ ދިވެހި މަސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ހޯދައިދީ، މި ސިނާޢަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދިނުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވި ގޮތުގައި ބޮޑު ކަންނެލި މަސްވެރިންގެ އެއް ކަންބޮޑުވުމަކީ މަސް ވިއްކުމަށްފަހު ފައިސާ ލިބުމުގައި ލަސްވުމެވެ. މިހާރު ބޮޑު ކަންނެލި ގަންނަނީ އަމިއްލަ ކުންފުނިތަކުން ކަމަށާއި، ބައެއް ކުންފުނިތަކުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 1.5 މިލިޔަން ރުފިޔާއަށް އަރާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މަސްވެރިން ބޭނުންވަނީ ސަރުކާރުން މަސް ގަތުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި މަސް ޕްރޮސެސިން ފެސިލިޓީއެއް އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ހާމަކުރައްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، “ހުޅުމާލޭ ބަނދަރުން 25 ހާސް އަކަފޫޓު ޖާގަ މިވަނީ ހޯދާފައި. އެޗްޑީސީން ބިން ލިބުނީ އިއްޔެ. އައިއެސްޖީބީއާ މަޝްވަރާކުރީ. ފަންޑު ވެސް ހަމަޖެހުނު. އަވަހަށް ފަށަންވެގެން އަޅުގަނޑުމެން މި ނިންމީ ޕީއެސްއައިޕީ މޮޑެލްއަށް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށްގެންދަން. ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްފައި އިކޮނޮމިކް ކައުންސިލަށްވާނީ ފޮނުވިފައި. ކަރުދާސް ނިމި ކޮންޓްރެކްޓަރާ އެއްކޮށް ސޮއިކުރުމަށްފަހު ޖެނުއަރީ މަހުގެ ކުރީކޮޅު ޢަމަލީ މަސައްކަތް ފެށޭނެ.”
ބޮޑު ކަންނެލީގެ މަސްވެރިންގެ ދެވަނަ ކަންބޮޑުވުމަކީ އަގުހެޔޮކޮށް ތެޔޮ ނުލިބުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި “އެސްޓީއޯ ރޭޓު”ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ވަޞީލަތްތައް ޤާއިމުކޮށް އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޝިޔާމް ވިދާޅުވީ، “ކޮންމެ އަތޮޅަކުން މަދުވެގެން ކޮންމެވެސް އެއް ރަށަކުން ތެޔޮ ފޯރުކޮށްދޭނެ. މި ސްކިޓްތައް ޤާއިމުކުރެވޭނެ. ހުރިހާ ބާވަތެއްގެ މަސްވެރިކަންކުރާ ފަރާތްތަކަށް ތެޔޮ ލިބޭނެ ހެޔޮ އަގުގައި.”
މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މިހާތަނަށް ވެސް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ކުރީ ސަރުކާރުން ނުއަގުގައި މަސް ގަނެ ފައިސާ ނުދީ ހިފެހެއްޓި ފައިސާ މަސްވެރިންނަށް ދީ، މިހާރު މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމުގެ ނިޒާމު ވަނީ ޤާއިމުކޮށްފައެވެ. އަދި އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ލޮނުފެނުން މަސް ފިނިކުރާ އާރުއެސްޑަބްލިޔު ނިޒާމު އޮޑިފަހަރުގައި ޤާއިމުކޮށްދިނުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

