ޓޯވްކުރާ އުޅަނދުތައް ޓޯވްކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދާއިރު، އެ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ކަށަވަރުކުރާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވާފައިވަނީ ހުޅުމާލޭގެ މަގުތަކާއި ހުސްބިންތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި، އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް ޓޯވްކުރުމަށްފަހު ދޫކުރުމުގެ މަސައްކަތް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ކަމަށެވެ.
އުޅަނދުތައް ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، އެއުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ އެންމެހައި ޓްރެފިކް ޖޫރިމަނާ ދެއްކުމަށްފަހު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ދިއުމުން ފުލުހުން ދޫކުރާ ސްލިޕާއެކު ތިލަފުއްޓަށް ދިއުމުން އުޅަނދު ދޫކުރުމުގެ އިންތިޒާމް ހަމަޖެހޭނެއެވެ. އަދި ޓޯވްކުރާ އުޅަނދުތައް ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިޔުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވަނީ މިގޮތަށް ގެންދާ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ކަށަވަރުކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޓޯވްކުރާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސްހުރި އުޅަނދުތަކާމެދު އަމަލުކުރާނެ އުޞޫލުވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ޓޯވްކުރާ އުޅަނދުތައް 7 ދުވަސް ފަހުން އާންމުކޮށް އިޢުލާންކޮށް އުޅަނދުތަކާ ހަވާލުވުމަށް ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހަވާލުނުވެ ހުރި އުޅަނދުތައް ޤާނޫނާއި ޤަވައިދުތަކުގައި ވާގޮތުގެމަތިން ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.
ހުޅުމާލޭގެ މަގުތަކުގައި އަދި ހުސް ބިންތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅަނދުތައް ބަހައްޓާފައި ހުންނަ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. “މިކަމުގެ ސަބަބުން މަގުތަށް ބޭނުން ކުރާ ފަރާތްތަކަށް ދަތިވެ ޕާކިން ޖާގަތަށް ގެއްލޭ” ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ފުލުހުން ވަނީ އުޅަނދެއް ބާވީ ނަމަ، މަގުމައްޗަށް ދޫކޮށްލުމުގެ ބަދަލުގައި އޮންނަ އުސޫލުގެ ތެރެއިން އުޅަނދު ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.

