ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ ‘ޔޫތު ހެކަތޯން 2025’ ރަސްމީކޮށް ފަށައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި ޖުމްލަ 85 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ހެކަތޯން ކުރިއަށްދާނީ މެދުނުކެނޑި 48 ގަޑިއިރަށެވެ. މި ހަރަކާތް ކުރިއަށްދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ، މިއަހަރު އުންމީދުކުރި ވަރަށްވުރެ ގިނައިން ބައިވެރިން ލިބިފައިވާކަމަށާއި، މިއީ ޒުވާނުންގެ ޝައުގުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ހެކަތޯންގެ މައިގަނޑު ބޭނުމަކީ ކުރިއަރަމުން އަންނަ ޒުވާނުން އައިޓީގެ ދާއިރާއިން ބައްދަލުވެ އިތުރު މަގުތައް ހޯދައިދިނުމެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ގައުމަށް ބޭނުންވާ ކަންކަމަށް އީޖާދީ ގޮތެއްގައި ހައްލުތައް ހޯދިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"85 ކުދިންނަށްވުރެ ގިނަ ކުދިން މި ހެކަތޯންގައި ބައިވެރިވޭ. މިދިޔަ އަހަރު އަޅުގަނޑުމެން ވަރަށް ދުރާލާ އިއުލާންކޮށްގެން ލިބުނު ވަރަށް ވުރެ ގިނައިން މިއަހަރު މިތަނުގައި ޓީމްތައްވެސް ހިމެނޭނެ ކުދިންވެސް ހިމެނޭނެ. އެހެންވީމަ އެއިން އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގެ ޒުވާނުން މިކަމަށް އޮތް ޝައުގު."ވަޒީރު އިބްރާހީމް ވަހީދު
މި ހަރަކާތުގައި ބައިވެރިވާ ޓީމްތަކުން ތަފާތު 4 ޓީމެޓިކް އޭރިއާއަކަށް ޕިޗް ނުވަތަ ހުށައެޅުންތައް ހުށައަޅާނެއެވެ. މީގެ މަގުސަދަކީ ޓެކްނޮލޮޖީގެ އެހީގައި މުޖްތަމައުގައި މިވަގުތު ހުރި މައްސަލަތަކަށް ހައްލު ހޯދުމާއި، މުޖްތަމައުއަށް ފައިދާ ކުރަނިވި އާއުފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދިއުމެވެ.
ބައިވެރިންގެ ހުށައެޅުންތަކުގެ ތެރެއިން އެންމެ ރަނގަޅު 3 ހުށައެޅުމެއް ހޮވައި ބޮޑެތި އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، 1 ވަނައަށް ހޮވޭ ފަރާތަކަށް 1 ލައްކަ ރުފިޔާ، 2 ވަނައަށް ހޮވޭ ފަރާތަކަށް 75،000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. މީގެ އިތުރުން ސްޕޮންސަރގެ ފަރާތުން ހަދިޔާކުރާ އިނާމްތައްވެސް ވަނަވަނައަށް ދާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

