ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މަސްވެރިންގެ އިޙްތިޖާޖާ ގުޅިގެން 3 މީހަކާއި 3 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ފުލުހުން ވިދާޅުވީ އިޙްތިޖާޖުގެ ބައިވެރިންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށާއި، ނަމަވެސް އެކަމަށް އިޖާބަދީފައިނުވާތީ މި ފިޔަވަޅު އަޅާފައިވާކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު އިޙްތިޖާޖުގެ ބައިވެރިންނާ މުއާމަލާތްކޮށް، މި އިޙްތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށާއި، އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވާތީ އެކަންކަން ހުއްޓާލުމަށް ނަސޭހަތްތެރިވެފައިވާކަމަށެވެ. އަދި މާލޭ ފަޅަށް ވަދެ ނުކުމެހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް އެންގިކަމަށް ފުލުހުން ހާމަކުރިއެވެ.
ނަމަވެސް ފުލުހުންގެ އެންގުންތަކަށް އިޖާބަނުދީ، އެކަންކަމަށް ދެކޮޅުހަދައި، މާލޭ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން ސަލާމަތީ ބާރުތަކުން މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި، ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވެއެވެ.
އިޙްތިޖާޖުގައި ބައިވެރިވެފައިވާ ދޯނިތަކުން އިއްޔެ މެންދުރުން ފެށިގެން މުޅި ރޭގަނޑު އެއް ނަންބަރު ޖެޓީއާ ދިމާލުން މާލެއާއި ދޫނިދޫއާ ދެމެދުގެ ކަނޑުގެ ސަރަހައްދުގައި ނަގިލި ލައި، އުޅަނދުތައް އަޅައިގެން ތިބުމުގެ ސަބަބުން އެސަރަހައްދުން ދަތުރުކުރި އުޅަނދުތަކަށާއި އެކި ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ.
އިޙްތިޖާޖުގައި ބިދޭސީން ބައިވެރިވެފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އިހުތިޖާޖުގައި ބައިވެރިވަމުންދިޔަ ބައެއް ދޯނިތަކަށް ފުލުހުން ވަނީ އަރާފައެވެ. މި މަސައްކަތް ކުރުމަށް ފުލުހުން ދޯނިތަކަށް އެރުމުން މަސްވެރި ޔޫނިއަނުން އެކަމާ ދެކޮޅު ހަދައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައިނުވާތީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އިޙްތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން 3 ދޯންޏެއްވެސް މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

