މީގެ ދެތިން ދުވަސް ކުރިން ފޭސްބުކް ހުޅުވާލުމާއެކު ފެނުނު ވީޑިއޯއަކަށް އަޅުގަނޑުގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުނެވެ. އެއީ ކޮފީ މޭޒެއްގެ ވަށައިގެން ތިބެ ބަޔަކު މަޝްވަރާ ކުރާ މަންޒަރެކެވެ. އެމީހުން ދިޔައީ ވަރަށް ބޮޑު ސަކަރާތެއް ޖަހައި، އެކަކަށް ލަނޑެއް ދިނުމުގެ ވާހަކަ ދައްކަމުންނެވެ. އެމީހާގެ އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށްޓަކައި ކުރާނެ މަޖާ ކަންތައްތަކާ ގުޅޭ ގޮތުން އެމީހުން ވާހަކަ ދެއްކިއެވެ. އޭނާގެ އުފަންދުވަސް މާދަމާ ކަމަށްވުމުން، އޭނާ އަތު ޖައްސައިގެން ގަޔަށް ބިސް ޖަހައި، ގޮދަންފުށް އަޅައި، ފަސޭހައިން ވަސް ނުފިލާނެ އަތަރު ގައިގާ އުނގުޅައި، ކުލަ ޖަހައި، ވީހާވެސް ބޮޑު ޖެއްސުމެއް ކުރާނެ ގޮތުގެ ޕްލޭނެއް އެ 4 މީހުން އެކައްޗެއް ކިޔައި ހެދިއެވެ. މި ސަކަރާތް ޖަހާނެ ގޮތް އެމީހުން ކިޔަމުން ދިޔައީ، 5 މިނެޓު ތެރޭގައި އެތަނަށް އަންނަން އެމީހާއަށް ބުނުމަށް ފަހުއެވެ.
ދެން ފެންނަނީ އެމީހާ އަވަސް އަވަހަށް ސައިކަލަށް އަރައި އެމީހުންނާ ހަމައަށް ދާން މިސްރާބު ޖެހި ތަނެވެ. ނަމަވެސް ކަންތައްވީ ވަރަށް ދެރަ ގޮތަކަށެވެ. ކޮފީ ބޯން ތިބި މީހުންނާ ހަމަޔަށް ނުދެވެނީސް މަގުމަތިން ހިނގި އެކްސިޑެންޓެއްގައި އޭނާ މަރުވެއެވެ. އެކަން ހިނގާ ދިޔައީ، ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާ އާމެދު ކަންވާނެ ގޮތުގެ ޕްލޭން މިންވަރު ކުރައްވާފައިވާ ގޮތަށެވެ.
އިބްރަތްތެރި ފިލާވަޅެއް ދިނުމުގެ މަޤްޞަދުގައި ކުޅެފައިވާ އެ ވީޑިއޯ ކްލިޕް ވަރަށް ފުރިހަމައެވެ. ފައުނު، ސްޓޫޑިއޯ 33 އަދި ޗައްޕަލާ ސްޓޫޑިއޯގެ މި ކުރު ޑްރާމާކޮޅު އެއްކޮށް ބެލުމުން، އެއިން ދޭން ބޭނުންވާ މެސެޖް އަޅުގަނޑަށް ވެސް ލިބުނެވެ. އެހެންނަމަވެސް، އެ ވީޑިއޯގެ ފެށުން ފެނުމާއެކު އަޅުގަނޑުގެ ނަޒަރު ހުއްޓުނީ މުޅިން އެހެން ކަމެއް ފެނުމުންނެވެ. އަޅުގަނޑު މި ލިޔުމުގައި ލިޔަން ބޭނުންވި އަސްލު ވާހަކަ މި ފެށީއެވެ.
ވީޑިއޯގައި ކޮފީ މޭޒުގައި ރައްޓެއްސަކާއެކު ތިބި 4 މީހުންނަކީ އެއްބަނޑު އެއްބަފާ 4 ބެއިންނެވެ. އަދި އެކްސިޑެންޓްވެ މަރުވެދާ މަންޒަރު ކުޅުނު ޒުވާނަކީ ވެސް އެ 4 ބެއިންނާ އެއްބަނޑު އެއްބަފާ މީހެކެވެ. މިއީ ގދ. ތިނަދޫ ނުވަތަ ތިނަދޫ ސިޓީއަށް ނިސްބަތްވާ އެއް އާއިލާގެ 5 ބެއިންނެވެ. މި ފަހަކަށް އައިސް މި ޒުވާނުންގެ ހުނަރުވެރި އަދި އިބްރަތްތެރި ޑްރާމާތަކާއި އިޝްތިހާރުތައް ވަރަށް ގިނައެވެ. ތިނަދޫގައި އުފައްދާ މިފަދަ ވީޑިއޯތަކުން މި ފަންނުވެރިން ފެންނަ ގޮތް ގިނައެވެ.
އެންމެ ފަހުން ފައުނާއެކު ކޮލެބޮރޭޓްވެ އުފެއްދި އިބްރަތްތެރި ވީޑިއޯއިން ޓިކްޓޮކް ތަރި ނައުފަލް، މިހާރު ސޯޝަލް މީޑިއާގައި މަޤްބޫލުވަމުން އަންނަ ރިއޯ މަންނަ، އަދި އަބަދުވެސް ތަފާތު އެކި ރޯލްތަކުން ފެންނަ ޒިލާލް (ކޮއްޔާ)، އިއްސެ އަދި އާދިލް އެއްކޮށް ފެނުނުއިރު، މި އާއިލާގެ ދެން ތިބި 2 މީހުންނަކީ ވެސް މިވެރިންގެ ހުނަރާ އެއް ސަފެއްގައި ގުޅިލާމެހިފައިވާ ދެ ބޭބެއިންނެވެ. އެއީ ގިނަ ބަޔަކު ދަންނަ ފޮޑަހާޑާ ފަޒީލް އާއި ކުރިން ކަސްޓަމް ބޭންޑްގެ އިކްލީލްއެވެ. ކުރުކޮށް ބުނާނަމަ، މި 7 ބެއިންނަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި އެއް ޗޭނަކުން ގުޅިފައިވާ ފަންނާނުންނެވެ. ފިލްމެއް، ޑްރާމާއެއް، ޝޯއެއް، ތަމްސީލެއް، އިޝްތިހާރެއް ނުވަތަ ލަވައެއް ކުޅެން ޖެހިއްޖެނަމަ އިތުރު ދިމާއަކަށް ދާން ނުޖެހެއެވެ. އެކްޓަރާއި ޑައިރެކްޓަރު، އެޑިޓަރާއި ޓެކްނީޝަނުން ވެސް އެއް ފުރާޅެއްގެ ދަށުން ހަމަޖެހޭނެއެވެ.
މި ހުރިހާ ވާހަކައެއްގެ ކުރު ލަފްޒަކީ "ސްޓޫޑިއޯ 33" އެވެ. މިއީ އެ ޓީމެވެ.
މިއީ އެ އިބްރަތްތެރި ވީޑިއޯ އެވެ. ހަގީގަތުގައިވެސް އެއްބަނޑު އެއްބަފާ 5 ބެއިންގެ "ޕްލޭން"، މިއީ ޢިބްރަތުން ފުރިގެންވީ ފިލާވަޅެކެވެ! ކިތަންމެ ތަދުބީރުތަކަކުން ޗާޓު ކުރަހައި ޕްލޭން ކުރިޔަސް ތަގުދީރުގައި ރޭވި ނިމިފައިވާ ގޮތަކަށް ނޫނީ ކަންތަކެއް ނުހިނގާނެއެވެ. ކޮންމެ ގޮތަކަށް ޕްލޭން ކުރިޔަސް، ޕްލޭންގެ ނިމުން އޮންނާނީ ލައުޙުގައި ލިޔުއްވާފައިވާ ގޮތަކަށެވެ. އެއީ ޔަގީންވާ އަދި ބަދަލުނުކުރެވޭނެ ދެކޮޅު ނުހެދޭނެ ޙަގީގަތެކެވެ، އަމުދުން އަޖަލު ޖެހުމާއެކު ދާން ދެކޮޅު ހެދުމުގެ ބާރެއް އިންސާނަކަށް ވަކި ލިބިގެންވެސް ނުވެއެވެ. އަޅާގެ އަޖަލލު ޖެހުމުން އަޅާގެ ވެރިރަސްކަލާނގެ އަމުރަށް އެ ފުރާނަ ގެންދަވާނެއެވެ. މިއީ އެކަމެއް ގަބޫލުކޮށް ހިތުގެ އަޑިން ޔަގީން ކުރުމުން ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރެވޭނެ ހަގީގަތެކެވެ.
5 ބެއިންގެ ޕްލޭން އަކީ ހަމައެކަނި ވީޑިއޯ ކޮޅެއް ނޫނެވެ. އެއީ ދިރިއުޅުމުގެ، ޙަޔާތުގެ، ދުނިޔޭގެ، ޙަޤީޤަތެވެ!
އެ ވީޑިއޯގެ އަސްލު ފޭސްބުކް އޮރިޖިނަލް ވީޑިއޯ މިލިންކުން ފެންނާނެއެވެ.


