މަސްވެރިންގެ ދުވަހާ ގުޅިގެން ރ. ދުވާފަރުގައި ބޭއްވި މަސް ރޭސް، 10 ޓީމުގެ ބައިވެރިވުމާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަސް ރޭހަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން އިންތިޒާމުކޮށްގެން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މަސްވެރިކަމުގެ ރޫޙު އާލާކުރުމާއި، މި ދާއިރާއަށް ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވުނު މި ރޭހަކީ، ޤައުމީ ފެންވަރުގައި ދުވާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގިނަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފޯރިގަދަ އެއް ހަރަކާތެވެ.
މި މުބާރާތުގައި ރ. އަތޮޅުގެ ތިން ރަށަކުން ޖުމްލަ 10 ޓީމުން 90 މީހުން ބައިވެރިވިއެވެ. އެއީ ދުވާފަރަށް ނިސްބަތްވާ ފަސް ޓީމާއި، އުނގޫފާރަށް ނިސްބަތްވާ ހަތަރު ޓީމު އަދި ރަސްމާދޫގެ އެއް ޓީމެވެ. ބައިވެރި ޓީމުތައް މަހަށް ފުރާފައިވަނީ ޑިސެމްބަރު 12 ވަނަ ދުވަހު މެންދުރު ފަހު 3:15 ގައެވެ. އަދި މަހުން އަނބުރާ އައުމުގެ އެންމެ ފަހު ގަޑިއަކީ ރޭގަނޑު 9:15 އެވެ. ރޭހުގެ ވަގުތު ހަމަވިއިރު، ޖުމްލަ 8 ޓީމު ވަނީ ގަޑިއަށް އަނބުރާ އައިސްފައެވެ.
މި މުބާރާތުގެ ވަނަތަކަށް ހޮވުނު ޓީމުތަކަށް އިނާމު ހުށަހަޅާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯއެމްޕީސީ) އިންނެވެ. މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ޓީމު ހޮވުމުގެ އިތުރުން، އެންމެ ބަރު މަސް ބޭނި ފަރާތްވެސް ވަނީ ހޮވާފައެވެ.
މުބާރާތުގެ ވަނަތައް:
- އެއްވަނަ ޓީމު: ޓީމް ސައުސަން – ޖުމްލަ 25,000 ރުފިޔާގެ އިނާމެއް
- ދެވަނަ ޓީމު: ޓީމް ކުއިކަރ – 17,000 ރުފިޔާގެ އިނާމެއް
- ތިންވަނަ ޓީމު: ޓީމް އައިރިސް – 10,000 ރުފިޔާގެ އިނާމެއް
މުބާރާތުގައި އެންމެ ބަރު މަސް ބާނާފައިވަނީ ޓީމް ރަނގަލިގެ އަހުމަދު އީސާއެވެ. އޭނާ ވަނީ 28 ކިލޯގެ ހިބަރެއް ބާނައިގެން މި ވަނަ ހާސިލުކޮށްފައެވެ. އެންމެ ބަރު މަސް ބޭނި ފަރާތަށް 1500 ރުފިޔާގެ އިނާމެއް ވަނީ ދީފައެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން އިންތިޒާމުކޮށް، އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި މަސް ރޭސް ނިންމާލުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ފާހަގަކުރިއެވެ. މި ރަސްމިއްޔާތުގައި ބޮޑު ބެރުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައިރު، ދުވާފަރުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

