ރ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެކަމަނާ ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި ދުވާފަރަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ރަށެއްކަމުން، މި މަޝްރޫޢުގެ ސަބަބުން އެރަށުގެ ބަނދަރު ބޭނުންކުރުމުގައި މަސްވެރިންނަށް މިހާރު ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ބަނދަރު ބޮޑުވުމާއެކު މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، އިޤްތިޞާދީ ކުރިއެރުން ލިބޭނެކަމަށް އުންމީދު ކުރެވެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވުމާއި، ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެކަމަނާއާއި، ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

