ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، މިއަދު ހެނދުނު ރ. ދުވާފަރަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މި ދަތުރުފުޅަކީ މި އަހަރު ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށާއި، އެރަށުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފައްޓަވައިދެއްވުމާއި ނިމުން ފާހަގަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންނެވުމާ ގުޅިގެން، ރަށުގެ ބަނދަރު ސަރަޙައްދަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ވަނީ މަރުޙަބާ ދަންނަވާފައެވެ. މި މަރުޙަބާ ކިޔުމުގައި އެރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ބައިވެރިވެފައިވެއެވެ. މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޙަރަކާތްތައް ބާއްވަމުންދަނީ ރ. ދުވާފަރުގައެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން ދުވާފަރުގައި ވަނީ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވި މަސްވެރިންގެ ގުންޒަރެއް ހިމެނެއެވެ. މި ގުންޒަރުގައި 40 މަސްވެރިން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓްކުރުމަށް މަޢުރަޒެއް ބޭއްވުމުގެ އިތުރުން، މަސް ރޭހެއް ވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން މިދިޔަ ދެ އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެންމެ މުހިއްމު އެއް ކަމަކީ ކުރިން މަސްވެރިންނަށް ނުލިބި ހުރި ފައިސާ ދިނުމަށް ފަހު، 48 ގަޑިއިރުގެ ތެރޭގައި ޤަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމެވެ. މިހާރު މަސްވެރިންނަށް ޤަވާއިދުން ފައިސާ ދެމުންގެންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މަސްވެރިކަމާ ގުޅޭ ތަރައްޤީގެ އިތުރު މަޝްރޫޢުތައް ވެސް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.
ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާ ލިބިވަޑައިގަތުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢޫގެ ދަށުން ދުވާފަރުގައި ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ދުވާފަރުގެ ތަރައްޤީގެ އިތުރު މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމާއި، އާ މަޝްރޫޢުތައް ފައްޓަވައިދެއްވުން ވެސް ހިމެނެއެވެ.

