ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ގަސް އިންދުމުގެ ޕްރޮގްރާމް ކަމަށްވާ “ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް” ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ރ. ދުވާފަރުގައި ގަސް އިންދަވައިފިއެވެ. މި ދެކަނބަލުން ދުވާފަރުގައި ގަސް އިންދަވާފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ގައުމީ ފެހިކަން އިތުރުކޮށް، މާހައުލީ ނިޒާމު ދެމެހެއްޓުމެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ދައްކުވައިދޭ މުހިންމު މަސައްކަތެކެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި ޕްރޮގްރާމުގެ ދަށުން މިއަހަރުގެ މިހާތަނަށް ޖުމްލަ 800،190 ގަސް ވަނީ އިންދާފައެވެ. 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމެއް ނަމަވެސް، އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ޖުމްލަ 6.4 މިލިޔަން ގަސް އިންދުމަށް ކަނޑައަޅާފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 2 މިލިޔަން ގަސް އިންދުމެވެ.
މި ޕްރޮގްރާމުގައި ބޮޑަށް އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން، ރާއްޖެއިން ނެތެމުންދާކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، އެ ބާވަތްތައް އިންދުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށީގެ ދެމެހެއްޓެނިވި ނިޒާމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

