ރ. ދުވާފަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ދުވާފަރަށް ކުރެއްވި ޒިޔާރަތާ ގުޅިގެންނެވެ.
ދުވާފަރުގައި އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތް ފެށުމަށްޓަކައި އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެމްއައިބީން ވިދާޅުވާ ގޮތުގައި، ދުވާފަރުގައި ޤާއިމްކޮށްފައިވާ މި އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެއެވެ.
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ދުވާފަރަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން، ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވުމާއި، ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރުން ވެސް ހަމަޖެހިފައިވެއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

