ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަޝްރޫޢު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޑީސީއާ ހަވާލުކޮށްގެންނެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދުވާފަރުގައި 50 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫޢު އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، ޢަލީ ޒުހައިރެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ރަށްރަށުގައި ބޯހިޔާވަހިކަމުގެ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. އެޗްޑީސީއިން މިހާރުވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫޢުތައް ހިންގަމުންނެވެ. މި މަޝްރޫޢުގެ ސަބަބުން ދުވާފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

