މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާޅޮސްމަޑުލު އުތުރުބުރީ (ރ. އަތޮޅު) ދުވާފަރުގައި ބޭއްވި ވާދަވެރި “ރަހަވަރު” މުބާރާތް ނިންމާލައި، ވަނަ ހޯދި ޓީމްތަކަށް ފައިސާގެ އިނާމު ޙަވާލުކޮށްފިއެވެ. މި މުބާރާތް ނިންމުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ރަހަވަރު މުބާރާތަކީ، އެކި ބާވަތުގެ ކަނޑު މަހުން އުފައްދާ އުފެއްދުންތައް އިތުރުކުރުމަށް ބާރުއަޅައި، މަހުގެ އުފެއްދުންތަކަށް ލޯބި ޖެއްސުމަށްޓަކައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. ދުވާފަރުގައި ކުރިއަށްގެންދިޔަ މި މުބާރާތަކީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށުގައި ބޭއްވުނު އެންމެ ވާދަވެރި އެއް މުބާރާތެވެ. މިއަހަރުގެ މި މުބާރާތުގައި 12 ޓީމަކުން ޖުމްލަ 36 މީހުން ބައިވެރިވެފައިވެއެވެ.
މި މުބާރާތަކީ އެސްޓީއޯއާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތައް ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ރ. ދުވާފަރުގައި ކުރިއަށްގެންދިޔަ މި މުބާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ވެސް ވަނީ ބައްލަވާލައްވާފައެވެ. ރަހަވަރު މުބާރާތް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުތަކާ ގުޅިގެން މާލޭގައެވެ.
ރަހަވަރު މުބާރާތުން ވަނަ ހޯދި ޓީމްތައް
މުބާރާތުގެ ނަތީޖާއަށް ބަލާއިރު، އެންމެ ފަހުގެ ވާދަވެރިކަމަށްފަހު، އެއްވަނަ ހޯދީ ޓީމް މަސްރޯދި އެވެ. އެޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނެވެ. ދެވަނަ ޓީމް ގޯލްޑްފިޝްއަށް 5000 ރުފިޔާ ލިބުނުއިރު، ތިންވަނަ ޓީމް ރެހެންދި އަށް 3000 ރުފިޔާގެ އިނާމު ލިބިފައިވެއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި، ދިވެހިންގެ ކެއިން ބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކާއެކު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ ބޭނުންކުރުމުގެ މުހިންމުކަން ދައްކުވައިދިނުމެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރުމަހުގެ 10 ވަނަ ދުވަހުއެވެ.

