ރ. ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ. މި އިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ. ރައީސް ވަނީ އިމާރާތް ހުޅުވައިދެއްވުމަށްފަހު އެތަން ބައްލަވާލައްވާފައެވެ.
ދުވާފަރުގެ ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، މި އައު އިމާރާތާއެކު ކުރިން ނުލިބޭ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން، ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާދޭނެ ޒަމާނީ އިމަރޖެންސީ ރޫމަކާއި، އެކްސްރޭގެ ޚިދުމަތް، އަދި ދަތުގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް މިހާރު ދުވާފަރުން ލިބޭނެއެވެ. މީގެ އިތުރުން، އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތްވެސް އަވަހަށް ޤާއިމްކުރެވޭނެކަމަށް ވަނީ މައުލޫމާތު ދެއްވާފައެވެ.
މިފަދަ ޒަމާނީ ޚިދުމަތްތައް ޤާއިމްކުރުމަކީ ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރުން ނިމުމަކަށް ގެނައުމެވެ. އެގޮތުން، އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އެންމެ އެކަށޭނަ ގޮތެއްގައި ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

