(މި ލިޔުމުގައި ބަލާލާފައި މިވަނީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމައުގައި ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ ހިތާމަހުރި މައްސަލައަކަށެވެ. މަސްތުވާތަކެތީގެ ތެރެއިންވެސް އެއަކަށް އެންމެ ފަަސޭހައިން ދެވި ހިފައި އަދި އެންމެ ފަސޭހައިން މީހާ އޭގެ ތެރެއަށް ގެންގޮސް ހުސްކޮށްލާ “ހެރޮއިން” ގެ ސަބަބުން ލިބޭ ގެއްލުމާއި އޭގެ ހުރި ނުރައްކާގެ ވާހަކައެވެ.)
ހެރޮއިން ފަދަ މަސްތުވާތަކެތި ބޭނުންކުރުމާއި، ހާއްސަކޮށް އިންޖެކްޓް ކުރުމަކީ އިންތިހާއަށް ނުރައްކާތެރި އަމަލެކެވެ. މީގެ ސަބަބުން ހަށިގަނޑަށް ދާއިމީ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެއެވެ.
ހެރޮއިން ތަކުރާރުކޮށް ބޭނުންކުރުމުގެ ސަބަބުން ޓޮލަރެންސް އުފެދިދާނެއެވެ. މާނައަކީ، އެއް އަސަރެއް ކުރުމަށްޓަކައި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެތި އިތުރަށް ބޭނުންވާނެއެވެ. ދިގު މުއްދަތެއްގައި މަތީ ޑޯޒްތައް ބޭނުންކުރުމުން، ހަށިގަނޑު ހެރޮއިނަށް ބަރޯސާވާ ގޮތް ދިމާވެއެވެ. ހެރޮއިނަށް ބަރޯސާވެފައިވާ މީހަކު އެ ބޭނުންކުރުން ހުއްޓާލައިފިނަމަ، ވިތްޑްރޯވަލްސް، ބަލިވުމުގެ އަލާމާތްތައް ފެނިދާނެއެވެ. މި އަލާމާތްތަކުގެ ތެރޭގައި ހަމަޖެހުމެއް ނެތުން، މަސްތަކާއި ކަށީގައި ރިހުން، ބޭރަށް ހިންގުން، ހޮނޑުލުން، އަދި އަކުނިވަޔަށް ދެމުމާއި ފިޓްޖެހުން ފަދަ އެތައް އެތައް ވޭނަކާއި ތަކުލީފާ ކުރިމަތިލާން ޖެހެއެވެ.
ދިގު މުއްދަތަކަށް ހެރޮއިން ބޭނުންކުރާ މީހުންނަށް ތަފާތު ގިނަ ސިއްހީ މައްސަލަތައް ކުރިމަތި ވެދާނެއެވެ. މި މައްސަލަތަކުގެ ތެރޭގައި ފުރަމޭ، ގުރުދާ، އަދި ފުއްޕާމޭގެ ބަލިތައް، ނަފްސާނީ ބަލިތައް، އަދި ފާރު (އެބްސެސް) ހެދުން ހިމެނެއެވެ.
މިކަމުގައި ދިމާވާ އެންމެ ބިރުވެރި ކުއްލި ނުރައްކަލަކީ އޯވަޑޯޒް ވެގެން މަރުވުމެވެ.
ހެރޮއިން ބޭނުންކޮށްގެން އޯވަރޑޯޒްވުމަކީ ވެދާނެ ކަމެކެވެ. މިއީ މީހަކު މަރުވުމުގެ ނުރައްކާ ނުވަތަ މަރުވުން މެދުވެރިކުރާ މިންވަރަށް ހެރޮއިން ބޭނުންކުރުމުން ދިމާވާ ކަމެކެވެ. ހެރޮއިން ބޭނުންކުރާ ހުރިހާ އެންމެންނަށް ވެސް އޯވަރޑޯޒްވުމުގެ ނުރައްކާ އެބައޮތެވެ، ސަބަބަކީ އެމީހުން ބޭނުންކުރާ މަސްތުވާތަކެތީގެ ހަޤީޤީ ބާރު ނުވަތަ އެއަށް އިތުރުކޮށްފައި ހުރި އެއްޗެއް އެމީހުންނަށް ނޭނގޭނެތީއެވެ.
ހުރިހާ ހެރޮއިން އިންޖެކްޓް ކުރުމުގެ ނުރައްކާ ބޮޑުވަނީ އެއިގައި އެކުލެވޭ މާއްދާތައް ވަގުތުން ލޭގެ ތެރެއަށް ވާސިލުވެ، ވަރުގަދަ އަދި އަވަސް ޑޯޒެއް ހަށިގަނޑަށް ފޯރު ކޮށްދޭތީ އެވެ.
ހެރޮއިން އޯވަރޑޯޒްވާ މީހުންގެ ހިތުގެ ވިންދާއި ނޭވާލާ މިންވަރު މަޑުވެއެވެ. އެމީހުންގެ ނޭވާލާ މިންވަރު ވަރަށް ބޮޑަށް މަޑުވެ، ސިކުނޑިއަށް އެކަށީގެންވާ ވަރަށް އޮކްސިޖަން ނުލިބިދާނެއެވެ. މި ހާލަތަށް ކިޔަނީ ހައިޕޮކްސިއާ އެވެ. ހައިޕޮކްސިއާގެ ސަބަބުން ކޯމާއަކަށް ދިއުން، ސިކުނޑިއަށް ދާއިމީ ގެއްލުންވުން، ނުވަތަ މަރުވުން މެދުވެރި ވެދާނެ އެވެ.
އަދި، މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ އިންޖެކްޝަން (ނީޑިލްސް) ފަދަ ސާމާނު އެކަކު އަނެކަކަށް ހިއްސާކުރުމަކީވެސް އެހާމެ ނުރައްކާތެރި ކަމެކެވެ. މީގެ ސަބަބުން ލޭގެ ވައިރަސްތައް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. އެގޮތުން ހިއުމަން އިމިއުނޯ ޑެފިޝަންސީ ވައިރަސް (އެޗް.އައި.ވީ)، ހެޕަޓައިޓިސް ސީ (އެޗް.ސީ.ވީ) އަދި ހެޕަޓައިޓިސް ބީ (އެޗް.ބީ.ވީ) ފަދަ ބަލިތައް ޖެހި، ފުރަމޭއަށް ބޮޑެތި ގެއްލުންތައް ލިބި، ފުރަމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
އިންޖެކްޝަންގެ ޒަރީއާއިން މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ފުއްޕާމޭ، ކިޑްނީ، ފުރަމޭ އަދި ސިކުނޑިއަށް ދާ ކުދި ލޭހޮޅިތައް ތަތްވެ، އެ ގުނަވަންތަކަށް ދާއިމީ ގެއްލުންތަކެއް ލިބިދާނެއެވެ. ނޭވާލާން އުނދަގޫ ވުމާއި ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން ނިއުމޯނިޔާ، ޓިއުބަރކިއުލޯސިސް އަދި ފުއްޕާމޭގެ އެހެނިހެން މައްސަލަތައް ދިމާވުމުގެ ފުރުސަތު އިތުރު ވެގެންދެއެވެ.
ހެރޮއިން ކޮންމެ ގޮތަކަށް ބޭނުންކުރި ނަމަވެސް، ދިގު މުއްދަތަކަށް ބޭނުންކުރުމުން ސިކުނޑީގެ ސްޓްރަކްޗަރަލް އަދި ފަންކްޝަނަލް ބަދަލުތަކެއް އާދެއެވެ. ނަފްސާނީ ގޮތުން ޑިޕްރެޝަން، ހާސްކަން އަދި ނިދި ނުލިބުން ފަދަ މައްސަލަތައް އެއްފަހަރާ ދިމާވުމަކީ އާންމު ކަމެކެވެ. ޖިސްމާނީ ގޮތުން ދިގުދެމިގެންދާ މައްސަލަތަކުގެ ތެރޭގައި ބަނޑުހައި ހޫނުކަން ކުޑަވުން، ދަތުގެ މައްސަލަތައް އަދި ޖިންސީ ގުޅުމަށް މައްސަލަތައް ދިމާވުން ހިމެނެއެވެ.
މިއީ ދެވިހިފުން އަވަސް އަދި ދެވި ހިފުމަށްފަހު އޭގެ އަނދިރި ދުނިޔެއިން ނުކުތުން ވަރަށްވެސް ނާދިރު ވަބާއެކެވެ. މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރެއިން ހިރޮއިންއަކީ ނުވަތަ ބްރައުންޝުގަރ، މިއީ މީހާ އަޑިގުޑަން ހާލަތަކަށް ވައްޓާލާ އޭގެ ސަބަބުން އެހެން ހުރިހާ އުޅުމަކާއި ގުޅުމަކަށް ބޭވަފާތެރިވެ ޚިޔާނާތްތެރިއަކަށް ތިމާ ހަދައިލާ އަދި ފަހު ވަގުތު ތިމާ ޚުދު ތިމާގެ ސިއްހަތާއި ނަފުސަށް ވެސް ކެހިދޭ މީހަކަށް ހަދައިލާ ދުޝްމިނެކެވެ.
(އަޅުގަނޑުމެން އެންމެންގެވެސް ދުއާއަކީ ކުޑަކުޑަ ގައުމު މިވަބާއިން ސަލާމަތް ކޮށްދެއްވުމެވެ. މި ނުރައްކާތެރި އަމަލުން ޅަޒުވާނުން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާ ހުރިހާ ހިތްވަރުގަދަ ފަރާތްތަކަށް ކާމިޔާބު މިންވަރު ކުރެއްވުމާއި އިތުރު ހިތްވަރު ދެއްވުމެވެ.)
{(މައުލޫމާތު ނެގިފައި ވަނީ މެޑިސިންޕްލަސް.ގަވް/ހިރޮއިން، މައުލޫމާތު ޗެކްކޮށްދެއްވީ ޑރ ހީމަންރާއިޝާސްތު (ނަފުސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް)}

