ރ. ދުވާފަރުގައި ސަރުކާރުން އިމާރާތްކުރާ ދަނާލާއި ޓްރެއިނިން އޭރިއާ އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ދުވާފަރުގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ދަނާލާއި ޓްރެއިނިން އޭރިއާ އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިންނެވެ.
ދުވާފަރުގައި އަޅާ މި ދަނާލަކީ 30 ކޮޓަރީގެ ދަނާލެކެވެ. ކޮޓަރިތަކުގެ އިތުރުން، ކެއިންބުއިމަށް ޚާއްޞަ ބަދިގެއާއި، ކްލާސްރޫމްތަކާއި، ލެބަކާއި، އިދާރީ އޮފީސް ފަދަ އިތުރު ހަރަކާތްތައް ކުރިއަށްގެންދެވޭނެ ޖާގަތައް ވެސް މި އިމާރާތުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަނާލުގައި ޤާއިމުކުރާ ވަޞީލަތްތަކާއެކު، ތަމްރީނުތަކަށް އެ ވަޞީލަތްތައް ބޭނުންކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެއެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ދަނާލު އިމާރާތްކުރުމަށް ނިންމަވާފައެވެ. ދުވާފަރުގެ އިތުރުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރ. ހުޅުދުއްފާރު، ގއ. ވިލިނގިލީގެ އިތުރުން ފުވައްމުލައް ސިޓީގައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި، މި ދަނާލުތަކުގެ ސަބަބުން، އަމިއްލަ ރަށުން ލިބެން ނެތް މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް އެހެން ރަށްރަށަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ރަށްރަށަށް ގޮސް ޢާއިލާއާއެކު ހެޔޮއަގެއްގައި ތިބެވޭނެ ފުރުޞަތު ފަހިވެގެންދާނެއެވެ.

