ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުގައި ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ޤައުމީ ބްރޭންޑް ކަމަށްވާ “ފްރޮމް މޯލްޑިވްސް”ގެ ވެބްސައިޓް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ވެބްސައިޓް އިފްތިތާޙުކޮށްފައިވަނީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ.ދުވާފަރުގައި ބޭއްވި ޖަލްސާގައެވެ.
މި ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ، 45 ވަނަ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ރ.ދުވާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. “ފްރޮމް މޯލްޑިވްސް” ބްރޭންޑަކީ، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުގައި ޕްރޮމޯޓް ކުރުމުގެ މަޤުސަދުގައި، މި އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ރަސްމީކޮށް ތަޢާރަފްކުރެވުނު ބްރޭންޑެކެވެ. މި ބްރޭންޑް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ، އިނގިރޭސިވިލާތުގައި ބޭއްވި ޔޫކޭ – މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި ވެބްސައިޓްގެ ޒަރިއްޔާއިން ބައިނަލްއަޤުވާމީ ބާޒާރުގައި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށް، މަހުގެ އުފެއްދުންތަކަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެއެވެ. މި ވެބްސައިޓް ޑިޒައިން ކޮށްފައިވަނީ، ބޭނުންކުރަން ފަސޭހަގޮތަކަށް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ބްރޭންޑުގެ ވެބްސައިޓް އިފްތިތާޙު ކުރުމަކީ އަގު އެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދު ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށާއި، އަދި ޕްރޮސެސް ކުރުމުގެ އިތުރުން މަސް ފިނިކޮށް، ރައްކާ ކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބޭ ކުރިއެރުމެއް ކަމަށެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ބައިނަލްއަޤުވާމީ މާކެޓްގައި ވާދަވެރިކަމާއެކު ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ބްރޭންޑަކީ، ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރު ކުރާ އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެކެވެ.

