ކޯޑިން ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި ޔޫތު ހެކަތޯން 2025 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތިން ދުވަހުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތުގައި ޖުމްލަ 85 ޒުވާނަކު ބައިވެރިވެފައިވެއެވެ.
މި ހެކަތޯންގެ މައިގަނޑު ބޭނުމަކީ، އައިޓީގެ ދާއިރާއިން ކުރިއަރަމުން އަންނަ ޒުވާނުން ބައްދަލުވެ، އިތުރު މަގުތައް ހޯދައިދިނުން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ޤައުމަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލައި އީޖާދީ ގޮތެއްގައި ގެނެވިދާނެ ހައްލުތައް ހޯދޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ހަރަކާތުގައި ބައިވެރިވި ޓީމްތަކުން ވަނީ ތަފާތު 4 ޓީމެޓިކް އޭރިއާއަކަށް ޕިޗް ނުވަތަ ހުށައެޅުންތައް ހުށައަޅާފައެވެ. ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވީ، ބައިވެރިންގެ ހުށައެޅުންތަކުން ޓެކްނޮލޮޖީގެ އެހީގައި މުޖުތަމައުގައި މިވަގުތު ހުރި މައްސަލަތައް ހައްލު ހޯދުމަށާއި މުޖުތަމައުއަށް ފައިދާ ކުރަނިވި އައު އުފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށެވެ.
ކާމިޔާބު ޓީމްތަކަށް އިނާމު
ހެކަތޯން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ވަނަ ހޯދި ޓީމްތަކަށް ވަނީ ފައިސާގެ އިނާމާއި ސްޕޮންސަރުންގެ ފަރާތުން ހަދިޔާކުރާ އިނާމްތައް ދީފައެވެ. އެގޮތުން 1 ވަނައަށް ހޮވުނު ޓީމަށް 1 ލައްކަ ރުފިޔާ، 2 ވަނައަށް 75،000 ރުފިޔާ އަދި 3 ވަނައަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.
ޔޫތު ހެކަތޯން 2025 ގެ ވަނަތައް ހޯދި ޓީމްތައް:
1 ވަނަ: ޓީމް ސީ ސްޓޭކް
2 ވަނަ: ޓީމް ވޭވް މައިންޑްސް
3 ވަނަ: ޓީމް ސިކްސް ސެވެން

