ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޑިސްކަވާ އެއާލައިންސްއަށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފިއެވެ. މިކަން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
ޑިސްކަވާ އެއާލައިންސްއަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަތުރުވެރިންނަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވެވަޑައިގެންނެވީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ނަޒީމް އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުޖްތަބާ ލަތީފްގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނެވެ.
މި ރަސްމިއްޔާތުގައި ޑިސްކަވާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާފައިވާއިރު، އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ވަނީ ހާއްސަ ހަދިޔާތަކެއް ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޑިސްކަވާގެ ފުރަތަމަ ފްލައިޓްއިން ރާއްޖެ އައި ފަސިންޖަރުންނަށް، ސަގާފީ ހަރަކާތްތަކާއެކު ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.
ޑިސްކަވާ އެއާލައިންސްއާއެކު މިހާރު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ ޖުމްލަ އަދަދު ވަނީ 31 އަށް އިތުރުވެފައެވެ. މިއީ ވީއައިއޭގެ ހިދުމަތްތައް ފުޅާވެ، ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއަށް ލިބޭ ކުރިއެރުމެކެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ. މި އާ ޓާމިނަލްގެ ސަބަބުން އެއަރޕޯޓްގެ ކެޕޭސިޓީ އިތުރުވެ، ފަސިންޖަރުންނަށް ލިބޭ ތަޖުރިބާ އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

