މާލޭގައި އިމާރާތްކުރާ ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާންގައިވާ ގޮތުން، ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދިނުމުގެ އިތުރުން، އެ އިމާރާތުގެ ކުރެހުންތަކާއި، ބީއޯކިޔު (ބިލް އޮފް ކުއަންޓިޓީސް)، އަދި ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
ސަރުކާރުން ވަނީ މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް ނިންމަވާފައެވެ. އެގޮތުން، މާލޭގައި ތަރައްޤީކުރާ ދާރުލްއަރުޤަމްއާއި ހުޅުމާލޭގައި ތަރައްޤީކުރާ ދާރުލްސަލާމް ވަޤުފު އިމާރާތުގެ ބިންގާ މިހާރު ވަނީ އަޅާފައެވެ. މީގެ އިތުރުން، މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފު އިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މި އިމާރާތުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް ވަނީ ނިންމާފައެވެ.
ހުޅުމާލެއާއި މާލޭގައި ތަރައްޤީކުރަން ފަށާފައިވާ މި ވަޤުފު އިމާރާތްތަކަކީ ޒަމާނީ ވަސީލަތްތަކާއެކު 12 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިމާރާތްތަކެކެވެ. މި އިމާރާތްތަކުން ލިބޭ އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް އަދި ބާކީ %80 އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މި މަޝްރޫޢުތަކަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫޢުތަކެކެވެ. މާލޭގެ އިތުރުން އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައިވެސް ވަޤްފު މަޝްރޫޢުތައް މިހާރު ވަނީ ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްފައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި މި މަޝްރޫޢުތަކުން ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެއެވެ.

