އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ މަޝްހޫރު ބޮންޑައި ބީޗުގައި ހަތިޔާރު އެޅި ދެ މީހުން ދިން ނިރުބަވެރި ބަޑީގެ ހަމަލާ ދިވެހި ސަރުކާރުން، ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ. މި ހަމަލާގައި މައުސޫމް ގިނަ ބަޔަކު މަރުވެފައިވާތީ، ދިވެހި ސަރުކާރުން ވަނީ އޮސްޓްރޭލިއާގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުވާފައެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ސިޑްނީގެ ބޮންޑި ބީޗުގައި ހިނގި މި ނިރުބަވެރި ހަމަލާއަކީ ލާއިންސާނީ އަމަލެއް ކަމަށާއި، މިފަދަ ހަމަލާތައް ދިވެހިރާއްޖެއިން ހަރުކަށި ބަހުން ކުށްވެރިކުރާ ކަމަށެވެ. މި ހަމަލާގެ ސަބަބުން މައުސޫމް ގިނަ ބައެއްގެ ފުރާނަ ގެއްލިފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ހާރިޖީ ވުޒާރާއިން ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާކަން އަދާކޮށްފައެވެ. އެ ބަޔާނުގައި ވެއެވެ. “އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހިންނާއި ދިވެހި ސަރުކާރުގެ ފަރާތުން ތައުޒިޔާކިޔަން އަދި ޒަހަމްވެފައިވާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެން. މި ދަތި ހާލަތުގައި ދިވެހިންގެ ހެޔޮ ދުއާ ވަނީ އޮސްޓްރޭލިއާގެ ސަރުކާރާއި ރައްޔިތުންނާއިއެކު.”
އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް ސްޓޭޓްގެ ސިޑްނީގެ ބޮންޑި ބީޗްގައި ހިނގި އެ ހަމަލާގައި 15 މީހުން މަރުވެ، ދެ ފުލުހުން ވެސް ހިމެނޭ ގޮތަށް 29 މީހުންނަށް ވަނީ އަނިޔާވެފައެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒީ ވިދާޅުވެފައިވަނީ، މި ހަމަލާ އަމާޒުކުރެވިފައިވަނީ ޔަހޫދީ އޮސްޓްރޭލިއާގެ ރައްޔިތުންނަށް ކަމަށެވެ. ހަމަލާދިން މީހުންގެ ތެރެއިން އެކަކު މަރުވެފައިވާއިރު، އަނިޔާވެފައިވާ އެހެން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ހާރިޖީ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ހިތާމަވެރި ހާލަތުގައި ދިވެހި ސަރުކާރުން ވަނީ އޮސްޓްރޭލިއާގެ ސަރުކާރާއިއެކުގައި ކަމަށެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް ނިރުބަވެރި ކަމާއި ހަރުކަށި ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ވުޒާރާއިން ދެއްވިއެވެ.
މި ހަމަލާ އޮސްޓްރޭލިއާގެ މުސްލިމް މުޖުތަމަޢުގެ ފަރާތުން ވެސް ވަނީ ވަރަށް ހަރުކަށި ބަހުން ކުށްވެރިކޮށް، ހަމަލާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި އެމީހުންގެ އާއިލާތަކަށް ތައުޒިއާ ފޮނުވާފައެވެ.

